ދަރަންޏެއް ނުދައްކާތީ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ރަޖިސްޓްރީކޮށްފި އެވެ.
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ މެންބަރު ސިނާނުގެ ގޮނޑިއާއި މެދު ސުވާލު އުފައްދައި އެމައްސަލަ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބު ސަލީމެވެ.
މި މައްސަލައިގައި އޭނާ ބުނެފައިވާ ގޮތުގައި، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ސިނާނު ފައިސާ ދައްކާފައެއް ނުވެ އެވެ.
މި މައްސަލައިގައި ބުނާ ފައިސާއަކީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށްވާއިރު މި ލޯނުގެ އެއްބަސްވުމާއި ހިލާފުވެގެން ބޭންކުން ކޯޓަށް މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.
އެއާއެކު މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 14 ވަނަ ދުވަހު ހިތަދޫ ކޯޓުން މި މައްސަލައިގައި ވަނީ ހުކުމްކޮށްފަ އެވެ. މި ހުކުމްގައި ވަނީ ލޯނުގެ ތެރެއިން ނުދައްކާ އޮތް ބާކީ 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށް އަންގާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ފައިސާ ސިނާނު ވަނީ މިހާރު ދައްކާ ހަލާސްކޮށްފަ އެވެ.
ބަޔާންކޮށްފައި ވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމަށާއި މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.