ހިޔަޅު ރޭވުމެއްގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިތާ އަދިމިވީ އަހަރެއްހާ ދުވަހެވެ. މީހަކު ދެވަނަ ދައުރެއް ހޯދަން ތެޅިފޮޅިގަންނަން އަދި ތަންކޮޅެއް އަވަހެވެ. އިންތިހާބުވުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދުތައް ބޮލާލައި ޖަހައި މިހާރު އެ ތެޅިގަތީ ވެރިކަމުގެ އިތުރު ދައުރެއް ހޯދޭނެ މަގެއް ފެނޭތޯ އެވެ.

ވެރިކަމާ ހެދި މީހަކު މޮޔަވިޔަސް މިއީ ބޮޑުވަރެވެ. މި ވެރިކަމަށް ދައުރަށް ދޮޅު އަހަރުވެގެންދިޔައިރު ރަށެއްގައި ތަރައްގީގެ ނަމުގައި ބޭއްވި ގަލެއްހާ މިންވަރު ވެސް ނެތެވެ. ކުރިން ފަށާފައި ހުރި ގިނަ މަޝްރޫއުތައް ވަނީ ހުއްޓުވައި، ތަންތަން ވީރާވާން ދޫކޮށްލައިފަ އެވެ. ނުވިތާކަށް މިދިޔަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށްވި ވައުދުފުނި ހުރި ގޮތަށް ހުރީ އެވެ. ރަސްމާލެ ހިއްކައި ނިންމައި ދެވަނަ ހުޅުމާލެއެއް ތަރައްގީކޮށް، ކަނޑުއަޑީގެ ޓަނަލަކުން ގުޅާލުމާއި ގދ. ތިނަދޫގެ ފަޅު ތެރޭގައި އަޅާ އިންޓަނޭޝަނަލް އެއާޕޯޓާއި ގއ. ވިލިނގިލީގައި ހަދާ އެއާޕޯޓުގެ މަސައްކަތް ވަނީ ހުވަފެނަކަށް ވެފަ އެވެ. މިފަދަ އެތައް އެތައް ލިސްޓެއް ހިމެނިދާނެ އެވެ. މިއިން އެއްވެސް ކަމެއް ހަގީގަތަށް ނުވަނީސް މިހާރު އެ ވަނީ ރިޔާސީ ދެވަނަ ދައުރެއް ހޯދަން ފޫގަޅައިފަ އެވެ.

ދެވަނަ ދައުރެއް ރައްޔިތުން ދޭނަމަ މުޅި ދައުލަތް އަތަށް މަހާލައިގެން 30 އަހަރުވަންދެން ޚުދުމުހުތާރު ވެރިކަމެއްކުރި މައުމޫން އަބްދުލް ގައްޔޫމަށް ދޭނެ އެވެ. ހަޔާތުގައި ވެސް ކުރިމަތި ހަމައެކަނި ވާދަވެރި އިންތިހާބުން ބަލިވެގެން ގެއަށް ވަޑައިގަތީ ވެރިކަންކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް މަގުމަތީގައި އަޑުގަދަކޮށް އުޅުނު މުހައްމަދު ނަޝީދުގެ އަތްދަށުވެ ހިތްދަތި ގޮތަކަށެވެ. ވެރިކަން ކުރަން ނޭގުމުގެ ނަތީޖާއަކަށްވީ ރައްޔިތުން މަގުމައްޗަށް ނުކުމެ ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ވެރިކަމުން ބޭލުމެވެ.

ގާތްގަނޑަކަށް ތިން އަހަރު ވަންދެން މަގުމަތީގައި މުޒާހަރާކޮށްގެން ހޯދި ތާއީދާއެކު 2013 ވަނަ އަހަރުގެ އިންތިހާބުން ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށްގެން ރައީސް ނަޝީދު ބަލިވި ފަހުން އެއްވެސް އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތެއް ވެސް ނުލިބި ސިޔާސީ ހަޔާތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

މިދިޔަ 50 އަހަރު ވެސް ރާއްޖެ ނުދެކޭ ފަދަ ބޮޑެތި ބަދަލުތައް ގެނެސްދިން ރައީސް އަބްދުﷲ ޔާމީނަށް ވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ބަލިވީ ރޭހުގެ ދެވަނައިގައި އޮވެ އެވެ. މިއީ ފަހަރެއްގައި ވެސް އެމަނިކުފާނު އުއްމީދު ކުރެއްވި ނަތީޖާއެއް ނޫނެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ބިން ހުޅުމާލެއިން އެތައް ހާސް ގޯއްޗާއި ފްލެޓް އަދި ގުޅިފަޅާއި އުތުރު ތިލަފަޅުން މާލޭގެ އެތައް ހާސް ރައްޔިތުންނަށް ގޯތި ބެއްސެވުމުން ވެސް ރައީސް ސޯލިހުއަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް ނުވި އެވެ. މިދެންނެވި ހުރިހާ ބޭފުޅުން ވެސް ރިޔާސީ އިތުރު ދައުރަކަށް އުއްމީދު ކުރެއްވި އެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކަށް ދެވަނަ ދައުރެއް ދޭކަށް ރައްޔިތުން ބޭނުމެއް ނުވި އެވެ. އޭގެ ފަހަތުގައި އެތައް ސަބަބެއް އޮންނާނެކަން ކަށަވަރެވެ.

ރައީސް ޔާމީންގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒާއި އަރިހުގައި ތިއްބަވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބެންއޮތީ މިހާރު އިންތިހާބު ކާމިޔާބުކުރެވެން އޮންނަ އުސޫލު ފުނޑާލައިގެންނެވެ. އޭރުން ދެވަނަ ދައުރެއް ވަރަށް ފަސޭހައިން ކާމިޔާބުކުރެވިދާނެ އެވެ. އެކަމަށް އެމަނިކުފާނަށް ތާއީދުކުރާ ބައެއް ވަޒީރުންނާއި ސިޔާސީ އެކްޓިވިސްޓުން ގެންދަނީ ކެމްޕޭންކުރަމުންނެވެ.

އެކަމަކު ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ އެއް ކަމެއް އެބައޮތެވެ. ޕްރެފަރަންޝަލް ނިޒާމަކުން ވިޔަސް ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން އަތަށް ކަރުދާސްކޮޅު ލިބިއްޖެ ނަމަ ދެވަނަ ދައުރެއް އެމަނިކުފާނަށް ރައްޔިތުންގެ ގިނަ ބަޔަކު ނުދޭނެ ކަމެވެ. މިކަމުގެ ހެއްކަކަށް ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިންތިހާބުން ބަލިވެވަޑައިގެންނެވި ގޮތް ހިތްޕުޅަށް ގެންނަވާށެވެ. މިއީ އެފަދަ އެއް މިސާލެވެ. ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ރައީސް މުއިއްޒު އަތުރާލާ މަކަރުވެރި ކޮންމެ ކުޅި ބަޔަކަށް އަތްތިލަބަޑިޖަހާކަށް ނޫނެވެ. ރައްޔިތުންގެ އަތުގައި ވޯޓު ކަރުދާސްކޮޅު ޖެހުމުން އެކަން ދައްކާލާނެ އެވެ. އެދުވަހަކަށް އިންތިޒާރުކުރައްވާށެވެ.