އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ވެންޓުނު އަންހެން މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަމެއް އިތުރަށް ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި ޕީޖީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިމަހުގެ 24 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިޔާ ލިބުނު މީހާގެ ޒާތީ މައުލޫމާތާއި، އަނިޔާ ލިބުނު މީހާ ފެންނަ ފޮޓޯއާއި ވީޑިއޯ އާންމުކޮށްފައިވާތީ، އަނިޔާ ލިބުނު މީހާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެ ފަދަ އެއްވެސް މައުލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގުކުރުމަށް އެ އޮފީހުން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެ ފަދަ ގޮތަކަށް އަމަލުކުރުމަށާއި، ޖިނާއީ ކުށްތަކާ ގުޅިގެން މައުލޫމާތު އާންމުކުރުމުގައި އޮޅުންނާރާނެ ގޮތަށް، ހާމަކަމާއެކު ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ދަންނަވާފައިވާނެ ކަމަށެވެ.

"މީގެ އިތުރުން، މި މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް އަންގާފައިވާނެއެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް އެ އޮފީހަށް ހުށަހެޅުމުން، އެ ޝަކުވާތަކާމެދުވެސް، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅަމުން ގެންދާނެ ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި ނޫސްވެރިންނާއި އާންމު ރައްޔިތުންވެސް މައްސަލައިގައި އަނިޔާ ލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރިއެވެ.