ހއ. ބާރަށުގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށް ސުވާލުކޮށްފި އެވެ.

ފުލުހުން ބުނީ ސިހުރު ހަދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގެ ދަށުން އަށް ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި އެ ތަންތަނުން ހޯދައި 8 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މީހުންނާއި ސުވާލު ކުރުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ހއ. ކެލާގައި ސިހުރު ޖެހި ބަޔަކު ބަލިވިކަމަށް ބުނާ މައްސަލައެއްގައި ފުލުހުން ވަނީ އެ ރަށަށް އަރާ ގެތައް ބަލާ ފާސްކޮށް، ބަޔަކު ހައްޔަރުކޮށްފަ އެވެ.

ސިހުރުގެ މައްސަލައަކީ ބައެއް ރަށްރަށުގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށްލެވެ އެވެ.