ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އިންސާފު ހޯދައިދިނުމަށް ދި ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.
ރައީސް ނަޝީދަށް 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަށް 4 އަހަރުގެ ފުރުމާ ގުޅިގެންދި ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަހަރަކަށްފަހު އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ، މި މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވާ އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައިނުވާކަމަށާއި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވާކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ 25 މާޗް 2024 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް، އެއަށްފަހު އެކަމުގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެޅުއްވި ފިޔަވަޅެއް މިހާތަނަށް އެނގެން ނެތްކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ.
މިއީ އިންތިޒާމްވެގެން ދިން ޓެރަރިސްޓް ހަމަލާއެއްކަމަށާއި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިން ވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށެއްކަން ފާހަގަކުރަމުން ޑިމޮކްރެޓްސް އިން ބުނީ މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށާ މި މައްސަލާގައި އިންސާފު ގާއިމުނުކުރެވޭ އަސްލަކީ ވެސް އެއީކަމަށެވެ.
ޑިމޮކްރެޓްސްއިން ބުނީ ނަޝީދަށް މި ހަމަލާ ރައްދުކުރުމުގެ ކުރިން ވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާކަމުގެ މައުލޫމާތު އިންޓެލިޖެންސަށް ލިބިފައިވާކަން އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވީ ނަމަވެސް މި ހަމަލާ އެމަނިކުފާނަށް އަމާޒުކޮށްފައިވަނީ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށްދޭން ލާޒިމު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށްކަމަށެވެ.
ޑިމޮކްރެޓްސްއިން ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުރިހަމައަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ތަކުރާރުކޮށް ގޮވާލާ، މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
ރައީސް ނަޝީދަށް 2021 ވަނަ އަހަރު ހަމަލާދީފައިވަނީ އެ މަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތު އެވެ.
މިހަމަލާގައި ބޮމުގެ ރޭޒާފުއްތައް ރައީސް ނަޝީދުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރެއްވުމުގެ އިތުރުން ޖަރުމަނވިލާތުގައި ވެސް ވަނީ ފަރުވާ ހޯއްދަވާފަ އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
މި ހަމަލާގައި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު ވަނީ ކުށަަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.