ޔަމަނުގެ ވެރިރަށް ސަނާގެ މައި އެއާޕޯޓަށް ހަމަލާދީ ހުއްޓުވާލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
ހޫތީންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބުނެ އިޒްރޭލުން ވަނީ އެ އާޕޯޓުގައި އޮތް ތިން ފްލައިޓަކަށާއި ޑިޕާޗާ ހޯލް އަދި ރަންވޭއަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފަ އެވެ.
އިޒްރޭލުން މިހަމަލާ ދީފައިމިވަނީ ޔަމަނުން އިޒްރޭލުގެ މައި އެއާޕޯޓް ކައިރިއަށް ހަމަލާ ދިންތާ ދެ ދުވަސްތެރޭގަ އެވެ.
ހޯމަ ދުވަހުވެސް އިޒްރޭލުން ވަނީ ޔަމަނުގެ ޕޯޓް ސިޓީ ހުދައިދާއަށް ހަމަލާދީފަ އެވެ.
އިޒްރޭލުން ދަނީ ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް ކަމަށް ބުނެ ގިނަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އެ ގައުމުގެ ޕަވާ ޕްލާންޓަކަށްވެސް މީގެ ކުރިން ހަމަލާދީފައިވެ އެވެ. އިޒްރޭލުން ވަނީ ނިމިދިޔަ ޑިސެމްބަރު މަހުވެސް ސަނާގެ އެއާޕޯޓަށް ހަމަލާދީފަ އެވެ. ހޫތީން ބުނެފައިވަނީ އިޒްރޭލަށް ބަދަލުގެ ހަމަލާ ނުދީ ދޫނުދޭނެ ކަމަށެވެ. ޔަމަނުން ޣައްޒާއާއެކު ދެމި ތިބޭނެކަމަށްވެސް ހޫތީން ބުނެފައިވެ އެވެ.
ހޯމަ ދުވަހު ހުދައިދާއަށް ދިން ހަމަލާގައި އެކި ސިމެންތި ފެކްޓްރީތަކަށްވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ. މި ހަމަލާތަކުގައި ހަތަރު މީހުން މަރުވެ، 35 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހޫތީން ބުނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ރައްދުގެ ގޮތުގައި އިޒްރޭލުގެ އެއާޕޯޓްތަކަށް ހަމަލާދީ ދަތުރުފަތުރު ކުރުމަށް ދަތިކުރާނެ ކަމަށެވެ.
ނަތަންޔާހޫ ވަނީ ހޫތީންގެ ހަމަލާގެ ބަދަލު ދޭނެކަމުގެ އިންޒާރުދީފަ އެވެ.