ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލްތައް ތަންފީޒުކުރަން މަސައްކަތް ކުރާއިރު ޑިމޮކްރަސީގެ ހަމަތައް، ރައްޔިތުންގެ ބާރުވެރިކަން، ގާނޫނީ ވެރިކަން، ދެފުއް ފެންނަ ނިޒާމު ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވެގެން އައިތާ ގިނަ ދުވަސްތަކެއް ވީނަމަވެސް އަދިވެސް ގިނަ ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިފަދަ ކަންކަން ރާއްޖޭގައި ހުންނަންވާނީ އެންމެ އެކަށީގެންވާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދެމެދު އޮންނަނީ 6 މަސް ދުވަހުގެ ތަފާތެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަނަށް އެންމެ ފައިދާ ހުރިގޮތަކަށް ވާނީ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުއެކީގައި ބޭއްވުން ކަމަށެވެ. އެހެންނަމަވެސް އެނިންމުން އެމަނިކުފާނު އަމިއްލަފުޅަށް ނުނިންމަވާނެ ކަމަށާއި އަކަން ނިންމަވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާއެކު ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމާއި، ޕްރިފަރެންޝަލް ނިޒާމް ނުވަތަ ރިޔާސީ އިންހާބުގެ އެއްބުރު ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލިސް ދެވަނަ ދައުރަށް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށެވެ. މި ދެ އިންތިޚާބު އެކީގައި ބޭއްވުމުން ރައްޔިތުންނަށް އެތަކެއް ފައިދާ ކުރާނެ ކަމަށާއި، ޚަރަދުގެ ގޮތުން ވެސް އެތައް މިލިޔަން ރުފިޔާއެއް ސަލާމާތް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ކިބައިން އަހައިގެން ގޮތެއް ނިންމާނީ. ނިންމެން އޮތަސް އަޅުގަނޑު ވަކި ގޮތެއް ނުނިންމާނަން. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކިއެކީގައި ބޭއްވުމުން ރައްޔިތުންނަށް ފައިދާކުރާނެ ކަމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބު ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު ކަނޑައެޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކަން ވެސް ކުރައްވާނީ ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް ވިދާޅުވެފަ އެވެ.
މި ޕޮޑްކާސްޓްގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ތިބި މެންބަރުގެ އަދަދު 93 އަށްވުރެ އިތުރު ނުވާގޮތަށް ގާނޫނަށް އިސްލާހް ހުށަހެޅުމަށް ނިންމަވަފަައިވާކަން ވެސް ހާމަކުރައްވާފަ އެވެ.
"އަޅުގަނޑަށް ހީވަނީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެ ލައްވާނީ މިއަދަދު އިތުރު ނުވާން. މިހާރުވެސް ވަރަށް ބޮޑަށް އިތުރުވެއްޖެ. 77 ވެސް ހަގީގަތުގައި ގިނަ. އެކަމަކު ޤަބޫލުކުރަން ރައްޔިތުން ތަމްސީލް ކުރުން އިތުރުވުމަކީ ޑިމިކްރަސީގައި ރަނގަޅު ކަމެއް،" ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުނުކުރުމާއެކު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް މިހާރަށް ވުރެ އިތުރުނުވާގޮތަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.