ޓެނެސީ ޔުނިވާސިޓީ އާއި ޗެޓަނޫގާގެ އީޕީބީ އަދި އޯކް ރިޖް ނޭޝަނަލް ލެބޯޓަރީގެ ސައިންޓިސްޓުން ގުޅިގެން ކުރި ދިރާސާއަކުން، ފުރަތަމަ ފަހަރަށް އަލި ޓެލެޕޯޓްކުރުމުގައި ކާމިޔާބުވެއްޖެ އެވެ.
މި ކާމިޔާބީއާއެކު، ގެލެކްސީތަކުގެ ތެރެއިން އަލި ފޮނުވުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
މި ދިރާސާގައި ސައިންޓިސްޓުން ވަނީ ދެ ފޯޓޯނެއްގެ ދެމެދުގައި ކޮންޓަމް އެންޓޭންގަލްމަންޓެއް 30 ގަޑިއިރަށް ވުރެ ގިނަ ވަގުތު ދެމެހެއްޓުމަށް ކާމިޔާބުވެފަ އެވެ. މި ކަން ހާސިލުކުރުމަށް އޮޕްޓިކް ފައިބާ ނެޓްވޯކެއް ބޭނުންކޮށްފައިވެ އެވެ.
މި ކާމިޔާބީއަކީ މުސްތަގުބަލުގައި މައުލޫމާތު ފޮނުވުމުގެ ދާއިރާގައި އިންގިލާބީ ބަދަލުތަކެއް ގެނެވިދާނެ ކަމެއް ކަމަށް ސައިންޓިސްޓުން ބުނެ އެވެ
ކޮންޓަމް އެންޓޭންގަލްމަންޓަކީ ދެ ފޯޓޯނެއްގެ ދެމެދުގައި އޮންނަ ގުޅުމެކެވެ. މިގޮތުން، އެއް ފޯޓޯނަށްވާ ކަމެއް އަނެއް ފޯޓޯނަށް ވެސް ވަގުތުން އަސަރުކުރެ އެވެ. މި ގުޅުން ދެމެހެއްޓުމަށް އޮޓޮމެޓިކް ޕޮލަރައިޒޭޝަން ކޮމްޕެންސޭޝަން ކިޔާ ނިޒާމެއް ބޭނުންކޮށްފައިވެ އެވެ.
މި ނިޒާމުގެ ސަބަބުން، ތިމާވެށީގެ އަސަރުތަކުން ފޯޓޯންތަކުގެ ގުޅުމަށް ކުރާ އަސަރު ކުޑަކުރެވެ އެވެ. މި ދިރާސާގެ ނަތީޖާއިން، މުސްތަގުބަލުގައި މައުލޫމާތު އަވަސް ސްޕީޑެއްގައި ދުރަށް ފޮނުވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.
ލައިޓް ކުއަންޓަމްގެ ނަމުން ވެސް މަޝްހޫރު ފޯޓޯން އަކީ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަންގައި ހަކަތައިގެ ކުޑަ ބައެކެވެ.