މާލޭގެ ގެއެއްގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެއްކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެއްކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
"އޭނާ ރާއްޖެއިން ފުރުން މަނާކުރުމަށް ކޯޓުން ނެރެފައިވާ އަމުރު އަދިވެސް ދެމިއެބައޮތް،" އޮފިޝަލް ވިދާޅުވިއެވެ.
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނެ ވާހަކަ ދެއްކެވެން ފެށީ އާއިލާގެ ބަޔަކާ އެކު އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ވަނީ، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އުފުލާފަ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދު މަސްތުވާތަކެތި ބޭނުންކުރިކަން އެނގުނަސް އޭނާގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލުކުރި އިޖުރާއަތް ގޯސްވުމުން އެކަމާ ގުޅިގެން ދައުވާ ނުކުރަން ފުލުހުން ވަނީ ނިންމާފަ އެވެ.