ސައްހަ ނޫން ސްލިޕް ފޮނުވައިގެން މީގެ ކުރިންވެސް އެތައް ފަހަރަކު ހައްޔަރުކޮށްފައިވާ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން މިފަހަރު ޒައިދާން އާއެކު އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 2025 މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ޒައިދާން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށާއި، އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާއިރު، އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުންވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާކަމާ މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޒައިދާން 15 ދުވަހަށް އަދި އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ދާދި ފަހުން ފޭކް ސްލިޕްތަކެއް ބޭނުންކޮށްގެން ފުޑީސް އެޕުން އޯޑަރުކުރި މައްސަލައެއްގައި ވެސް ޒައިދާން ހައްޔަރުކުރިއިރު، އޭނާ މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ.