ވިހެއުމާ ގުޅިގެން އަންހެނުންނަށް ލިބޭ ޗުއްޓީގެ ސަބަބުން ވަޒީފާގެ ފުރުސަތު ހޯދުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިކަން މިނިސްޓަރު ހާމަކުރެއްވީ ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މިކަން ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފާހަގަކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.
މެންބަރު ވިދާޅުވީ އަންހެނުންނަށް ވަޒީފާ ދޭއިރު، ދަރިން ހޯދަން ރާވާފައިވޭތޯ ސުވާލު ކުރާކަމަށާއި، މި މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މިކަމަށް ސަރުކާރުގެ ސަމާލުކަން ލިބިފައިވޭތޯ އާއި ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޒިޔާދު ވަނީ ސުވާލުކުރައްވާފަ އެވެ.
މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ މިކަމަކީ، ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ކޮންސަލްޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދެވޭ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު އަންހެނުންނަށް ވިހެއުމަށް ހަ މަހުގެ ޗުއްޓީއާއި ފިރިހެނުންނަށް އެއް މަހުގެ ޗުއްޓީ ދޭން ފަށާފަ އެވެ. އެއަށްފަހު ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ގިނަ އޮފީސްތަކުން ވެސް މި އުސޫލަށް ބަދަލުތައް ގެނެސްފައިވެ އެވެ.
ނަމަވެސް، މިހާރު ބައެއް ކުންފުނިތަކުން އަންހެން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި، އައު މުވައްޒަފުން ނެގުމުގައި ވެސް މާބަނޑު އަންހެނުންނަށް ފުރުސަތު ނުދޭ ކަމުގެ ޝަކުވާ ބައެއް މުވައްޒަފުން ވަނީ ކޮށްފަ އެވެ. އަދި އިންޓަވިއުތަކުގައި ދަރިން ހޯދުމާ ގުޅޭގޮތުން ސުވާލު ކުރާ ކަމުގެ ޝަކުވާ ވެސް ބޮޑުވެފައިވެ އެވެ.
ވިހެއުމުގެ ޗުއްޓީ ދެ އަހަރައް ހަދަންވީނު. އޭރުން އަދިމާ ހެޔޮފުޅެއްނޫންތޯ
ރިޕްލައި