ރަސްމާލެ ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާތައް ނުދޭ ކަމަށް އެ ކުންފުނިތަކުން ބުނެފި އެވެ.

ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއި އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏާ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އެ ދެ ކުންފުނީގެ އިސްވެރިން ވިދާޅުވީ، ފިނޭންސް މިނިސްޓްރީއާއި އެމްއޭސީއެލްއަށް މި މައްސަލައިގައި ޝަކުވާ ހުށަހެޅުމުންވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި އީރާނު ހަނގުރާމަ ފެށުމުގެ ކުރިން، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ގަވާއިދުން ފައިސާ ލިބެމުން ނުދާ ކަމަށް އެ ކުންފުނިތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މަސައްކަތުގެ އަގު ސަރުކާރުން އަދާނުކުރާތީ، އެ މަޝްރޫއު ކުރިއަށްގެންދެވެން ނެތްކަމަށް ކޮންޓްރެކްޓަރުން ވަނީ ބުނެފަ އެވެ. ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާތީ، މިހާރު އެ ކުންފުނިތަކުން އަންނަނީ ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް މައްސަލަ ހުށަހެޅުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް މަޑުޖެހިފައިވަނީ އީރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މި މަޝްރޫއު ހަވާލުކުރީ ކިހާ އަދަދެއްގެ ފައިސާއަށްކަން ސަރުކާރުން މިހާތަނަށްވެސް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ މައުލޫމާތު ހާމަނުކުރުމަށް ސަރުކާރުން ދަނީ ތަފާތު ބަހަނާތައް ދައްކަމުންނެވެ.

ބިޑުކުރުމަކާ ނުލައި އެ ބޮޑު މަޝްރޫއެއް ހަވާލުކޮށްފައިވާތީ، މިއީ ކޮރަޕްޝަންގެ އަމަލުތަކެއް އެކުލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.