މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މެލޭޝިޔާގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކުގައި މަތީ ތައުލީމު ހާސިލުކުރުމަށް ޚާއްސަ ސްކޮލަރޝިޕްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕްގެ ދަށުން މެލޭޝިޔާގެ ސެލަންގޯ އިސްލާމިކް ޔުނިވާސިޓީއާއި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިތުރުން އިންސީފް ޔުނިވާސިޓީގައި ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތުވަނީ ފަހިކޮށްދީފަ އެވެ. މިއީ މާލީ އަދި އިގުތިސާދީ ދާއިރާއިން ރާއްޖެއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އެމްއެމްއޭއިން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.

މި ޕްރޮގްރާމުގެ ދަށުން ސެލަންގޯ އިސްލާމިކް ޔުނިވާސިޓީގައި ބެޗްލާ އޮފް އެކައުންޓިން ފުރިހަމަކުރުމުގެ ޖާގަވަނީ ހުޅުވާލާފަ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި މާސްޓާ އޮފް ލޯސް ނުވަތަ މާސްޓާ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން އިންސީފް ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔެވުމަށް ތިން ދާއިރާއެއްވަނީ ކަނޑައަޅާފަ އެވެ. އެއީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވާކް އަދި ޑެޒާޓޭޝަން ފުރިހަމަކުރުން، އިސްލާމިކް ފައިނޭންސް އިން ރިސާޗް ހެދުން، ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރުމެވެ.

މި ސްކޮލަރޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ޖޫން މަހުގެ 30 ވަނަ ދުވަހުގެ 14:00 އެވެ. މި ވަގުތުގެ ކުރިން ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް އެ އޮތޯރިޓީންވަނީ އިރުޝާދުދީފަ އެވެ.