ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހި (މީސްލްސް) އަށް މި އަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އެޗްޕީއޭ އިން މިހާރު ވަނީ ހާއްސަ އިސްކަމެއް ދީގެން ބަލި ފެތުރުން ހުއްޓުވުމުގެ މަސައްކަތް ވަރުގަދަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދުން އަލަށް ފެނުނު ފަސް ކޭސްއާއެކު ޖުމްލަ އަދަދު 20 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ބޮޑެތި މީހުންނެވެ. މި ބަލި އިތުރަށް ފެތުރުނަނުދީ ހިފެހެއްޓުމަށްޓަކައި އެޗްޕީއޭއިން ދަނީ ކަމާބެހޭ ހުރިހާ އިދާރާތަކަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް އާއި ވެކްސިން ދިނުމުގެ ބޮޑު ހަރަކާތެއް ހިންގަމުންނެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ކޮންޓެކްޓް ވީ ޖުމްލަ 489 މީހުންނެވެ. މީގެ ތެރެއިން 88 މީހަކު ދަނީ ސީދާ މޮނީޓާ ކުރެވެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ހަމައެއާއެކު ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ 220 މީހަކަށް މިހާރު ވަނީ ވެކްސިން ދީފަ އެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށްޓަކައި 1,118 މީހަކަށް ވަނީ ހިމަބިހީގެ ވެކްސިން ދީފަ އެވެ.
މީގެ އިތުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން މުއްދަތަށް ނުޖަހާ ހުރި ކުދިން ހޯދައި ޑޯޒްތައް ފުރިހަމަކުރުމުގެ ހާއްސަ ޕްރޮގްރާމެއް ދަނީ ހިންގަމުންނެވެ.
އެޗްޕީއޭއިން އިލްތިމާސްކުރި ގޮތުގައި ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަންވާނެ އެވެ. އަދި ހޮސްޕިޓަލަށް ނުވަތަ ކްލިނިކަށް ދާއިރު މާސްކު އެޅުމަށާއި، ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޓެކްސީ ނުވަތަ ބަސް ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެޖެންސީން އެދެ އެވެ. ހަމައެއާއެކު ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެގެން ތިބުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް
މެޗުގައި އީރާނަށް ޕޮއިންޓެއް، ބެލްޖިއަމް އާއި މިސްރު އެއްވަރު
ހަނގުރާމަ ހުއްޓާލުމުން ނަތަންޔާހޫ އާއި ޓްރަމްޕްގެ ގުޅުން ގޯސްވަނީ