ހދ. އަތޮޅުގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ އެ އަތޮޅު މަކުނުދުއާއި ކުޅުދުއްފުއްޓާ ދެމެދު ކުރާ އާރްޓީއެލް ފެރީގެ ދަތުރުތައް ކެންސަލްވާތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮންނަ މަކުނުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަމުގެ ސަބަބުން، އެ ރަށުގެ އާންމު ދިރިއުޅުމަށާއި އިގްތިސާދަށް މިވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފަ އެވެ.
މަކުނުދޫ ކައުންސިލުން ބުނިގޮތުގައި ކުޅުދުއްފުއްޓާ ގުޅުވައިދޭ އާރްޓީއެލް ފެރީގެ ހިދުމަތް މެދުކެނޑެމުން ދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ވަރަށް ގަވާއިދުން ތަކުރާރުވަމުން ދާ މައްސަލައެކެވެ. އަދި މި ހިދުމަތް ކެންސަލްކުރާ ސަބަބެއްގެ ގޮތުގައި އެމްޓީސީސީން ގިނައިން ފާހަގަކުރަނީ މޫސުން ގޯސްވުން ނުވަތަ ލޯންޗުތަކުގެ މެއިންޓަނެންސް މައްސަލަތައް ކަމަށް އެ ކައުންސިލުން ބުންޏެވެ.
މި މެދުކެނޑުންތަކުގެ ސަބަބުން އެންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހެނީ ސިއްހީ ފަރުވާއަށް ކުޅުދުއްފުއްޓަށް ދާން ޖެހޭ ބަލި މީހުންނަށެވެ. ވަރަށް އުނދަގުލުން ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ހޯދައިގެން ދާން ތައްޔާރުވާއިރު، ފެރީ ކެންސަލްވުމުގެ ސަބަބުން އެޕޮއިންޓްމަންޓްތައް ގެއްލި، އަލުން ނަގަން ޖެހޭ ކަމަށް އެ ރަށުން ވާހަކަދެެއްކި މީހުން ބުނެ އެވެ. ހަމައެއާއެކު މާލެއަށް ދިއުމަށްޓަކައި ކުޅުދުއްފުށިން ވައިގެ މަގުން ދަތުރުކުރަން ޓިކެޓް ނަގާފައި ތިބޭ މީހުންނަށް ވެސް ފެރީ ނުލިބުމުގެ ސަބަބުން ފްލައިޓް ޓިކެޓް ބަދަލުކުރަންޖެހި، އިތުރު މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ރަށުން ބުނެ އެވެ.
ގާތްގަނޑަކަށް 1،300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ މަކުނުދޫ ރައްޔިތުންނަށް އާރްޓީއެލް ނިޒާމަކީ ބޮޑު ލުޔެއް ނަމަވެސް، މިހާރު ކަންކަން ދަނީ ރައްޔިތުން އެދޭފަދަ އިތުބާރު ހުރި ގޮތަކަށް ނޫނެވެ. ފެރީ ނުލިބުމުން މިހާރު ރައްޔިތުންނަށް މަޖުބޫރުވަނީ ބޮޑު އަގުދީފައި ޕްރައިވެޓް ލޯންޗުތައް ކުއްޔަށް ހިފައިގެން ދަތުރު ކުރާށެވެ.
މަކުނުދޫގައި ބިން ހިއްކައިގެން އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިދިޔަ އޮގަސްޓް މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަޝްރޫއު ނިމެންދެން ރަށުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށްދިނުމަކީ ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭންޖެހޭ ކަމެކެވެ.
އެ ރަށު ކައުންސިލުން ބުނާ ގޮތުގައި އެމްޓީސީސީން މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް، އަތޮޅުތެރޭގައި އާރްޓީއެލް ފެރީތައް ގަވާއިދުން ނުބާއްވާ ކަމުގެ ޝަކުވާ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
ފުވައްމުލަކު އެއާޕޯޓު ސަރަހައްދުގައި އޭޓީއެމް ސެންޓަރެއް
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި