ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއާ ދިމާކޮށް، ޓްރެފިކް ބެލެހެއްޓުމުގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފި އެވެ.

އެމްޑީޕީގެ ފަރާތުން މިރޭ 8:30 ގައި ރަސްފަންނު ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މުޒާހަރާ އަކީ ސުލްހަވެރިކަމާއެކު އެއްވުމުގެ ގާނޫނުގެ ދަށުން ހުއްދަ ދެވިފައިވާ ސަރަހައްދެއްގައި ބާއްވާ ހަރަކާތެކެވެ. ނަމަވެސް ފުލުހުން މިއަދު އާންމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ، މިރޭ 8:00 އިން ފެށިގެން ދަންވަރު 12:00 އަށް މާލޭގެ ބައެއް މަގުތައް ބަންދުކުރާނެ ކަމަށެވެ. ޓްރެފިކް ބެލެހެއްޓުމުގެ ބޭނުމަށް ކަމަށް ބުނެ ބަންދުކުރަނީ ސީދާ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ތަފްސީލުކޮށްދީފައެއް ނުވެ އެވެ.

މިރޭ ކުރިއަށްގެންދާ މުޒާހަރާއަށް ދީފައިވާ ނަމަކީ "ވަޒީފާ ބުރާސްފަތި" އެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތައް ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިއަހަރުގެ މިހާތަނަށް ސިޔާސީ ސަބަބުތަކާ ގުޅިގެން 14 މީހަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، އިތުރު 7 މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއްވެ އުޅުމުގެ ހައްގު ހަނިކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.