އެމެރިކާއާއި އީރާނުގެ ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށްވުރެ ބްރެންޓް ސާފުނުކުރާ ތެލުގެ އަގު ދަށަށް ގޮސް، ފީފާއެއްގެ އަގު 75 ޑޮލަރަށްވުރެ ތިރިވެއްޖެ އެވެ.

ތެޔޮ ސަޕްލައި ކުރުމަށް މެދުވެރިވެދާނެ ހުރަސްތަކާ މެދު އޮތް ކަންބޮޑުވުންތައް ކުޑަވުމާ ގުޅިގެން، ބުދަ ދުވަހު ތެލުގެ އަގު ވަނީ އިތުރަށް ދަށަށް ގޮސްފަ އެވެ. ހަމައެއާއެކު، އިންވެސްޓަރުން ދަނީ ބައިނަލްއަގުވާމީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ސާފުނުކުރާ ތެލުގެ އޮގަސްޓް މަހުގެ ފިއުޗާސްގެ އަގުތައް 3.05 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 74.73 ޑޮލަރުގަ އެވެ. މިއީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭންފެށި ވައިގެ ހަމަލާތަކުގެ ކުރިން ތެލުގެ އަގު ހުރި އެންމެ ދަށް މިންވަރެވެ. މީގެ އިތުރުން، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ފިއުޗާސްގެ އަގު ވެސް ވަނީ ގާތްގަނޑަކަށް 3 އިންސައްތަ ދަށްވެ، ފީފާއެއް 71.02 ޑޮލަރަށް ތިރިވެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ ތެޔޮ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސާފުނުކުރާ ތެލުގެ އަގު މިހާ ބޮޑަށް ދަށަށް ދާއިރުވެސް، އެއާ އެއްވަރަށް ޕެޓްރޯލް ޝެޑްތަކުން ވިއްކާ ތެލުގެ އަގު އެ ކުންފުނިތަކުން ތިރިއެއް ނުކުރެ އެވެ. ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގުތައް ހަލުވިކަމާއެކު ދަށަށް ދާއިރުވެސް ކުންފުނިތަކުން އެ ބަދަލު ނުގެންނަ ކަމަށެވެ.

"މިއީ އެހެން އިބާރާތަކުން ބުނާނަމަ، ކަސްޓަމަރުންގެ އަތުން ނުހައްގުން ބޮޑު އަގު ނެގުން. މި މައްސަލަ ވަގުތުން ބެލުމަށް އަޅުގަނޑު މިހާރު ވާނީ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް އަމުރުކޮށްފައި. މިހާރު ފެންނަ މިންވަރަށްވުރެ މާ އަވަހަށް ޕެޓްރޯލްގެ އަގުތައް ތިރިވާން ޖެހޭނެ،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.

ކޮލަމްބިއާ ޔުނިވާސިޓީގެ ސެންޓަރ އޮން ގްލޯބަލް އެނާޖީ ޕޮލިސީގެ ސީނިއާ ރިސާޗް ސްކޮލަރެއް ކަމަށްވާ ކޭރަން ޔަންގް، ރައީސް ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ، މިއީ ހަގީގަތާ އެއްގޮތަށް ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، އެމެރިކާގައި ތެލުގެ އަގުތައް ކަނޑައެޅެނީ އެފަދަ ގޮތަކަށް ނޫން ކަމަށެވެ.

"އެމެރިކާގެ ޕެޓްރޯލް ޝެޑްތަކުން ވިއްކާ ތެލުގެ އަގުގެ ތެރޭގައި ސްޓޭޓްތަކާއި ލޯކަލް ކައުންސިލްތަކުން ނަގާ ޓެކްސްތައް ހިމެނޭ،" ޔަންގް ސީއެންބީސީގެ ޕްރޮގްރާމުގައި ވިދާޅުވި އެވެ. "އަގުތައް ތިރިކުރުން ބިނާވެފައި އޮންނަނީ ތެޔޮ ސާފުކުރާ ކުންފުނިތަކުގެ މައްޗަށް. ސާފުނުކުރާ ތެލުގެ އަގު ދަށަށް ދިއުމަށްފަހު، އެ ބަދަލު ރިފައިނަރީތަކަށް އައިސް، ކަސްޓަމަރުންނާ ހަމައަށް ފޯރުމަށް މަދުވެގެން ދެ ހަފުތާއެއްހާ ދުވަސް ނަގާނެ." އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުފަހަރުގެ ދަތުރުތައް އަލުން އާންމު ހާލަތަކަށް ރުޖޫއަވާން ފަށާފައިވާ ކަމުގެ ނިޝާންތަކާއެކު އިންވެސްޓަރުންގެ މެދުގައި ވަނީ އުންމީދު އާވެފަ އެވެ. އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، ސަލާމަތީ ކަންކަން ކަށަވަރުވުމާއެކު، ގަލްފުގައި ތާށިވެފައި ތިބި 11,000 އަށްވުރެ ގިނަ ފަޅުވެރިންނަށް މިހާރު ހޮރްމޫޒް ކަނޑުއޮޅިން ބޭރަށް ދަތުރުކުރެވޭނެ އެވެ.

އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ އީރާނާއި، އޮމާން އަދި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ އިތުރުން އެމެރިކާއާއި ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވއެވެ.

ޑީއެޗްއެލް ގްލޯބަލް ފޯވާޑިންގް ގްރޭޓާ ޗައިނާގެ ސީއީއޯ އަދިތީ ރަސްކުއިންހާ މީޑިއާއަށް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގައި ބޯޓުފަހަރު ތާށިވުމުގެ ސަބަބުން މުދާ އުފުލުމަށް ނަގާ ވަގުތު އިތުރުވެ، ސަޕްލައި ޗެއިންއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް ކަނޑުއޮޅި ހުޅުވުމާއެކު މި ދަތިތަކަށް ލުޔެއް ލިބޭނެ ކަމަށާއި، އެހެންނަމަވެސް ހުރިހާ ކަމެއް އާންމު ހާލަތަކަށް އެނބުރި ދިއުމަށް ދުވަސްތަކެއް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.