އެމެރިކާއިން އީރާނާއެކު އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އެއީ ކޮންމެފަދަ އަގަކަށް ނުވަތަ ދޫދިނުމަކަށް ކަނޑައެޅޭ އެއްބަސްވުމެއް ނޫން ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. ބަހްރެއިންގެ މަނާމާގައި ބޭއްވުނު ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޫބިއޯ ވަނީ، އީރާނާއެކު ވެވޭ އެއްބަސްވުމެއްގައި އެމެރިކާގެ ބައިވެރިންނާއި އެކުވެރި ގައުމުތަކުގެ މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޔޫއޭއީ އާއި ކުވޭތަށް ކުރެއްވި ދަތުރުފުޅަށްފަހު، ބަހްރެއިންގައި ބޭއްވި ޖީސީސީ - އެމެރިކާ ޖޮއިންޓް މިނިސްޓީރިއަލް ބައްދަލުވުމުގައި ރޫބިއޯ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެމެރިކާ އާއި އީރާނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވުމަކަށް އަންނަން ބޭނުންވޭ. ނަމަވެސް އެއީ ކޮންމެ ކޮންމެ އަގަކަށް ވެވޭ އެއްބަސްވުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު، ހަގީގީ، ކަށަވަރުކުރެވޭނެ އަދި ދެފަރާތުންވެސް ފުރިހަމައަށް އަމަލުކުރާނެ އެއްބަސްވުމެއް،" ރޫބިއޯ ވިދާޅުވި އެވެ.

ރޫބިއޯ އިތުރަށް ވިދާޅުވީ، އީރާނާއެކު ކުރެވޭ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުން އެހެން މަގެއް އިހްތިޔާރުކޮށްފިނަމަ، އެމެރިކާ އުންމީދުކުރާ ފަދަ ނަތީޖާއެއް ނުލިބޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގަލްފު ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަލާމަތާއި، ހަމަޖެހުމާއި، ނުވަތަ ތަނަވަސްކަމަށް ބުރޫއަރާފަދަ އެއްވެސް މާއްދާއެއް މި އެއްބަސްވުމުގައި ނުހިމެނޭނެކަން ކަށަވަރުކުރާނެ އެވެ.

އެމެރިކާއިން ގަބޫލުނުކުރާނެ ކަންތައްތަކުގެ ތެރޭގައި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާއި، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަތުން ފީ ނެގުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި އޮމާންގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އޮމާނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ގަލްފުގެ ގައުމުތަކުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށާއި، ސުލްހައިގެ އެއްބަސްވުމުގެ ކޮންމެ ފިޔަވަޅެއްގެ މައުލޫމާތު އެ ގައުމުތަކަށް އެނގެން ބޭނުންވާ ކަމަށެވެ. އަދި އީރާނުން ހޮރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ބިރުދައްކާ ނުވަތަ ހުރަސްއަޅާނަމަ، އެއީ ބޮޑު މައްސަލައަކަށް ވާނެ ކަމަށާއި، ކަނޑުއޮޅިން ފީ ނެގުމަށް ގަލްފުގެ އެއްވެސް ގައުމަކުން ތާއީދުނުކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަހްރެއިންގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތަކަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގެއް ގާއިމުކުރުމަށް އޮމާނުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއަކީ ސަރަހައްދީ ސުލްހައަށް ލިބުނު އުންމީދެއް ކަމަށާއި، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުން ދުރުހެލިވުމަށާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ވެފައިވާ އިގުރާރުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.