އިންޑިއާގެ ޓީވީ ބަތަލާ ޖޭސްމިން ބާސިން އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށް ދުބާއީއަށް ކުރި ދަތުރުގައި ކުއްލިއަކަށް ބަލިވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ.
އޭނާގެ ލޯބިވެރިޔާ އަދި އެކްޓަރު އަލީ ގޯނީ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ޖޭސްމިންގެ ސިއްހީ ހާލަތާ ބެހޭ މަޢުލޫމާތު ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
އަލީ ހިއްސާކުރި ފޮޓޯއެއްގައި ޖޭސްމިން އޮތީ ހޮސްޕިޓަލުގެ އެނދުގަ އެވެ. އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން އަލީ ލިޔެފައިވެ އެވެ.
"އަހަރެމެން މިކޮޅަށް އައީ ކަލޭގެ އުފަންދުވަސް ފާހަގަކުރަން. އެކަމަކު ތަގުދީރު ނިންމާފައި އޮތީ އެހެން ގޮތަކަށް. އުފާވެރި ހަނދާންތަކެއް އުފެއްދުމުގެ ބަދަލުގައި އަހަރެމެންނަށް މިތިބެންޖެހުނީ ހޮސްޕިޓަލް ކޮޓަރިއެއްގައި. ޖޭސްމިން ވޭނުގައި އުޅޭތަން ފެނުމަކީ މި ދަތުރުގައި އަހަންނަށް އެންމެ ކެތްކުރަން އުނދަގޫވި ކަންތައް."
އަލީ ބުނި ގޮތުގައި ޖޭސްމިން ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވީ ހަށިގަނޑުގައި އުފެދުނު ސީރިއަސް އިންފެކްޝަނެއްގެ ސަބަބުންނެވެ. "ވޭތުވެދިޔަ މަދު ދުވަސްކޮޅަކީ ވަރަށް އުނދަގޫ އަދި ނަފްސާނީ ގޮތުން އަސަރުގަދަ ދުވަސްތަކެއް،" އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވެ އެވެ.
މީގެ އިތުރުން އެ މީހުންނަށް ގުޅައި މެސެޖު ކުރަމުންދާ ފަރާތްތަކަށް ޖަވާބު ނުދެވޭތީ އަލީ ވަނީ މާފަށް އެދިފަ އެވެ. އޭނާ ބުނީ މިވަގުތު އޭނާގެ ހުރިހާ ސަމާލުކަމެއް ހުރީ ޖޭސްމިންގެ ގާތުގައި ހުރުމަށް ކަމަށާއި، ދުބާއީގެ ހޮސްޕިޓަލުން ޖޭސްމިންއަށް އެންމެ ފުރިހަމަ ފަރުވާ ލިބެމުންދާ ކަމަށެވެ. އަދި މިހާރު އޭނާ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެސް އަލީ ބުންޏެވެ.
އަލީ ގޯނީއާއި ޖޭސްމިން ބާސިން ފުރަތަމަ ދިމާވީ 2018 ވަނަ އަހަރު ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ 9" އިންނެވެ. އެ ދުވަސްވަރު ދެމީހުންގެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދުނު ނަމަވެސް، ދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2020 ވަނަ އަހަރު "ބިގް ބޮސް 14" ގައި ބައިވެރިވި ދުވަސްވަރު އެވެ. އެއަށްފަހު ދެމީހުން އެކުގައި އުޅޭތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
ބީއެމްއެލް އިން އެމެކްސް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
ފްރާންސް ގަދަ 16އަށް، ދެ ލަނޑާއެކު އެމްބާޕޭއަށް އިތުރު ރެކޯޑެއް