މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް މުބާރާތް އެމެރިކާގެ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓުބޯޅައެއް ފޮނުވާނެކަމަށް ވިދާޅުވެ ނާސާގެ އިސްވެރިޔާ އެމެރިކާގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފި އެވެ.
ހަނދުގައި ބޭހެއް ގާއިމުކުރުމަށް އެމެރިކާގެ ނާސާ އިން ކުރިއަށްގެންދާ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ނާސާގެ ވެރިޔާ ޖެރެޑް އިސާކްމަން ވިދާޅުވީ، މިއީ އެމެރިކާގެ ޓީމަށް ދޫކޮށްލާ ގޮންޖެހުމެއް ކަމަށާއި، ކުޅުންތެރިން އެމީހުންގެ މަސައްކަތް ފުރިހަމަކުރަންޖެހޭ ކަމަށެވެ.
ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަނަށް ފީފާ ބޯޅައެއް ފޮނުވާފަ އެވެ. ނަމަވެސް، އެމެރިކާ މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ބޯޅައެއް ނުފޮނުވާހާ ދުރަށް، ހަނދަށް ފުޓުބޯޅަ ފޮނުވާނެކަމަށް އައިސެކްމަން ވައުދުވެވަޑައިގަތެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 1971 ވަނަ އަހަރު އެސްޓްރޮނޮޓް އެލަން ޝެޕަޑް ވަނީ ހަނދަށް ގޮލްފް ކުޅޭ ދަނޑިއަކާއި ބޯޅަތަކެއް ގެންގޮސް، އެތަނުގައި ގޮލްފް ކުޅެފަ އެވެ. އައިސެކްމަން ވިދާޅުވީ ނާސާގެ އަމާޒަކީ އެލަން ޝެޕަޑަށްވުރެ އެއް ދަރަޖަ ކުރިއަށް ގޮސް، ހަނދަށް ފުޓުބޯޅައެއް ފޯރުކޮށްދިނުން ކަމަށެވެ. މިއީ އެމެރިކާގެ ޓީމަށް ދެވޭ ހިތްވަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މި ފުޓުބޯޅަ ހަނދަށް ފޮނުވާނީ، ކުރިއަށް އޮތް އަހަރުތަކުގައި ހަނދުގައި ބޭހެއް އެޅުމަށް ނާސާއިން ކުރާ ދަތުރުތަކުގައި ގެންދާ ސައިންޓިފިކް އާލާތްތަކާ އެކުގަ އެވެ.
ނާސާގެ މޫން ބޭސް ޕްރޮގްރާމްގެ މެނޭޖަރު ކާލޯސް ގާސިއާ-ގަލާން ވިދާޅުވީ، އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ، ބޯޅަ ފޮނުވާނެ ޖާގަ ކޮންމެހެންވެސް ހޯދާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ކުޅުންތެރިންނަށް އުނދަގޫ ކާމިޔާބީއަކަށް ވީނަމަވެސް، ފުޓުބޯޅައަކީ ބަރުދަން ލުއި އެއްޗަކަށް ވުމުން ހަނދަށް ގެންދިއުމުގައި ދަތިތަކެއް ނެތެވެ.
"ހުރިހާ ކަމެއްވެސް މިހާރު އޮތީ އެމެރިކާގެ ގައުމީ ޓީމުގެ އަތްމަތީގައި، އެކުޅުންތެރިންނަށް ކާމިޔާބީއަށް އެދެން،" ގާސިއާ-ގަލާން ވިދާޅުވި އެވެ.
ވޭޕް ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކާއި އޭގެ ހަގީގަތް!
ޑޮލަރުގެ އަގު ދަށްނުވަނީ ހަރަދު ބޮޑުވުމުން: ނަޝީދު