ކޮވިޑް-19 އާ ގުޅިގެން މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިން އުނިކުރި ބައި، އޮޕަރޭޝަންތައް އިއާދަވުމުން ވެސް އަނބުރާ ނުދޭތީ މަންޓާ އެއާގެ ޕައިލެޓުންނާއި އިންޖިނޭރުން އަންނަ ހޮނިހިރު ދުވަހު ހަޅުތާލުކުރަން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ރާއްޖޭގެ މަހުޖަނުންތަކެއް ހިއްސާވެގެން ހިންގާ އެއާލައިންގެ ޕައިލެޓަކު ނަން ނުޖެހުމަށް އެދި ބުނީ މި ހަޅުތާލުކުރަން ނިންމީ މުސާރައިން އުނިކުރި މިންވަރު އަނބުރާ އިއާދަނުކޮށް، އެކަން ހައްލުކުރަން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން ކަމަށެވެ. އަދި މި ހަޅުތާލު ކުރަން ނިންމީ ކުންފުނީގެ ހާލަތު ރަނގަޅުވަމުން އައުމާ އެއްވަރަށް މުވައްޒަފުންގެ ހައްގުތައް ހޯދާދީފައި ނުވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ޕައިލެޓް ބުނީ ކޮވިޑްގެ ދުވަސްވަރު ދުނިޔޭގެ އެހެން އެއާލައިންތަކެކޭ އެއްފަދައިން، ވައިގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމާ ގުޅިގެން މަންޓާ އެއާގެ މުވައްޒަފުންގެ މުސާރައިން ބޮޑު ބައެއް އުނިކުރި ކަމަށެވެ. އަދި އެ އެއާލައިންގެ އާމްދަނީ ހުއްޓި، ދަތުރުވެރިން ނުލިބުމުގެ ސަބަބުން ކުންފުނި ސަލާމަތްކުރުމަށްޓަކައި އެޅި އެ ފިޔަވަޅަށް އޭރު މުވައްޒަފުން އެއްވެސް އިއުތިރާޒެއް ނެތި އެއްބާރުލުން ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮވިޑަށް ފަހު ދަތުރުފަތުރުގެ އިންޑަސްޓްރީ ހަމައަކަށް އެޅެމުން ދަނިކޮށް، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، މިދިޔަ މާޗް މަހުގެ ފަހުކޮޅު އީރާނާއި އެމެރިކާ އަދި އިޒްރޭލްގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އަނެއްކާ ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. އަދި އެކަމާ ގުޅިގެން މެދުއިރުމަތީގެ މައިގަނޑު ޓްރާންސިޓް ޕޮއިންޓްތަކަށް ބުރޫއެރުމުގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ރާއްޖޭގެ އެއާލައިންތަކަށް މާލީ ދަތިތަކާ ކުރިމަތިވި އެވެ.
މި ހާލަތާ ގުޅިގެން، މަންޓާ އެއާގެ މެނޭޖްމަންޓުން މެއި މަހުގެ ކުރީކޮޅު ނެރުނު އެތެރޭގެ މެމޯއެއްގައި ބުނެފައި ވަނީ، 1 މެއި އިން ފެށިގެން 31 ޖުލައި 2026 ގެ ނިޔަލަށް މުސާރަ އުނިކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ހާލަތު މުރާޖައާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން، އޭޕްރީލް 13 ގައި ނެރުނު "ބިޒްނަސް އަޕްޑޭޓް" އެއްގައި، ގަވާއިދު ގެ ދަށުން މުވައްޒަފުން ވަކިކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ފިޔަވަޅުތައް އަޅަން ޖެހުނީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ވިޔަފާރިއަށް ކުރިމަތިވި ނޭދެވޭ އަސަރުތަކާ ގުޅިގެންނެވެ.
މި ދާއިރާގައި ހަރަކާތްތެރިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ޖޫން މަހު މުސާރަ އިއާދަކުރަން ނިންމުމުން، އެއީ ސިނާއަތް ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކަމަށާއި ނަމަވެސް ޓީއެމްއޭ އިން ވެސް އެ ބަދަލު ގެނައީ ވަގުތީ ގޮތުން ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި މުސާރަ އަނެއްކާވެސް ކުޑަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ބުނެފައިވެ އެވެ. މަންޓާ އެއާ އިން އެއްވެސް ދޫދިނުމެއް ނެތި މުސާރަ ކުޑަކޮށްފައި ބޭއްވުމުން، މުވައްޒަފުންގެ މެދުގައި ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައި ކަމަށް ވެސް ބުންޏެވެ.
އެ މުވައްޒަފުން ބުނި ގޮތުގައި މިހާރުގެ ހާލަތު ކޮވިޑްގެ ދުވަސްވަރާ މުޅިން ތަފާތެވެ. ކޮވިޑްގައި އޮޕަރޭޝަންތައް ހުއްޓިފައި އޮތުމުން މުސާރަ ކުޑަކުރުމުން ޝަކުވާ ނުކުރި ނަމަވެސް، މިހާރު މުވައްޒަފުން ފުރިހަމަ ޒިންމާ އަދާކޮށް، ބުރަ މަސައްކަތް ކުރަމުންދާއިރު މުސާރަ ކުޑަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.
އެ ޕައިލެޓުން ބުނި ގޮތުގައި، މެނޭޖްމަންޓުން މުސާރަ ކުޑަކޮށްފައި ބަހައްޓަނީ ވޭތުވެދިޔަ އަހަރުތަކުގައި ކުންފުންޏަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށްފަ އެވެ. އެހެން ނަމަވެސް، މުވައްޒަފުން ބުނަނީ މަސައްކަތުގެ ބުރަދަނަށް އެއްވެސް ލުޔެއް ނުލިބި، މުސާރަ އެކަނި ކުޑަކުރުމަކީ އިންސާފެއް ނޫން ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ހޮނިހިރު ދުވަހު ފަށާ މި ހަޅުތާލުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބޮޑެތި ބުރޫތަކެއް އެރުމުގެ ބިރު އެބައޮތެވެ. މަންޓާ އެއާ އަކީ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏަކަށް ވުމުން، މިކަމުގެ ސަބަބުން ފަތުރުވެރިންގެ ދަތުރުތަކަށާއި ރިސޯޓުތަކުގެ ހިންގުމަށް ނޭދެވޭ އަސަރުކުރާނެ އެވެ.
ކޮންގޯގެ "ސްޓެޗޫ" ސަޕޯޓަރަށް އެމެރިކާގެ ވިސާއެއް ނުލިބުނު!