ތިލަމާލެ ބްރިޖު މަޝްރޫއުގެ މާލެއާއި ވިލިމާލެއާ ދެމެދުގެ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، މާލެއާއި ވިލިމާލެ އެއްގަމު މަގުން ގުޅުވާލައިފި އެވެ.
މި ސެގްމެންޓް ކާސްޓު ކުރުމުގެ މައިގަނޑު މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވަނީ ހެނދުނު 11:00ގަ އެވެ.
މި ސެގްމެންޓް ގުޅުވާލުމުގެ މަސައްކަތް ކުރިއަށްދިޔައީ ކަނޑުމަތީގެ ހާއްސަ ސައިޓެއްގަ އެވެ.
މި ގުޅުވާލެވުނު ސެގްމެންޓާއެކު ތިލަމާލެ ބްރިޖް މަޝްރޫއުގެ މުޅި މަސައްކަތުގެ 76 އިންސައްތައަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ފުރިހަމަކުރެވިފަ އެވެ. މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1222 ސެގްމެންޓްގެ ތެރެއިން 95 އިންސައްތަ ސެގްމެންޓް މިހާރު ވަނީ ކާސްޓްކޮށް ނިންމާފަ އެވެ. އަދި މީގެ ތެރެއިން 82 އިންސައްތަ ސެގްމެންޓް ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.
ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަން ޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރުގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވާލުމުގެ އިތުރުން ވިލިމާލެއާއި ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ގުޅުވާލުމަށް މައިގަނޑު ތިން ބްރިޖެއް އަޅާނެ އެވެ.
އޭގެ އިތުރުން ވިލިމާލޭގައި އުޅަނދުފަހަރު ދަތުރުކުރުމަށް ހާއްސަ ރޭމްޕެއް ހެދުމާއި ގުޅިފަޅުގައި އުޅަނދުތަކަށް ހާއްސަ މަގެއް ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2021 އޮގަސްޓް 26 ވަނަ ދުވަހު އެވެ.
ގެވެށި އަނިޔާއަށް ނުވާ ކަމެއްގައި ގެވެށި އަނިޔާގެ އަމުރެއް ނެރެފި
އެމެރިކާއިން މިހާރު ހިންގަނީ އިގްތިސާދީ ޓެރަރިޒަމް: އީރާން
ޑްރަގް މައްސަލައެއްގައި ވޮލީކުޅުންތެރިޔާ ފާޒިލް ހައްޔަރުކޮށްފި
