އޮގަސްޓް 27، 1896 ދުވަހުގެ ހެނދުނުގެ ވަގުތެކެވެ. އިރުމަތީ އެފްރިކާގެ ޖަޒީރާ ގައުމެއް ކަމަށްވާ ޒެންޒިބާރުގެ ބަނދަރު އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ބަނދަރުން ބޭރުގައި އިނގިރޭސި ރޯޔަލް ނޭވީގެ ހަނގުރާމަމަތީ ފަސް މަނަވަރު މަޑުކޮށްގެން އޮތެވެ.

މަނަވަރުތަކުގެ ބޮޑު ބަޑިތައް ބޭރަށް ނެރެ އައްސޭރިއަށް އަމާޒު ކޮށްފައި ހުއްޓެވެ. އިންޑިއާ ކަނޑުގެ ނޫކުލަ ގަދަ ކަނޑުގެ މަނަޒަރަށް ކުރިމަތިވާ ގޮތަށް އައްސޭރީގައި ހުރި ހުދުކުލައިގެ ރީތި ކިއްލާ އަކީ ޒެންޒިބާރުގެ ރަސްގެފާނުގެ ގަނޑުވަރެވެ. ގަނޑުވަރުގެ ކުޑަދޮރުތަކުން ފެންނަ ގޮތަށް ތައްޔާރަށް ތިބި މަނަވަރުތަކުގެ ބަޑިތަށް އަމާޒުވެފައި ހުރީ ސީދާ ގަނޑުވަރަށެވެ.

ގަނޑުވަރު ގާޑުކޮށްގެން ތިބި 3،000 އެއްހާ ގާޑުންނާ އެކު އެތެރޭގައި ހުންނެވީ ގައުމުގެ ރަސްކަމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ޒުވާން ރަސްގެފާނު ޚާލިދު ބިން ބަރުޣަޝް އެވެ. ޚަލިދަށް އިނގިރޭސި ސަރުކާރުން ދީފައިވާ އިންޒާރަކީ ހެނދުނު 9 ޖެހުމުގެ ކުރިން ގަނޑުވަރުގައި ނަގާފައި ހުރި ދިދަ ތިރިކޮށް އަމާން ދިނުމަށެވެ.

ޚާލިދު ބިން ބަރުޣަޝް އަކީ އިނގިރޭސިން ދެކޭ ގޮތުގައި އެ މަގާމުގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އެ ހާހިސާބަށް ގައުމުގެ ރަސްކަން ކުރައްވަމުން ގެންދެވީ ޚާލިދުގެ ބޮޑު ބޭބޭފުޅު ސުލްތާނު ހަމޫދެވެ. ސުލްތާން ހަމޫދު ކުއްލި ގޮތަކަށް އަވަހާރަވީ އެވެ. އެ ހިނދު އިނގިރޭސިންނާ މަޝްވަރާ ކުރުމެއް ނެތި ޚާލިދު އަމިއްލަފުޅަށް ގަނޑުވަރަށް ވަޑައިގެން ރަސްކަމާ ހަވާލުވެވަޑައިގެންނެވީ އެވެ.

ނަވާރަ ވަނަ ގަރުނު ފެށިގެން އައިއިރު ޒެންޒިބާރަކީ އިރުމަތީ އެފްރިކާގެ ކަނޑުގެ ސަރަހައްދުގެ ވިޔަފާރީގެ އެންމެ މުހިންމު މަރުކަޒެވެ. މިހާރުގެ ޓެންޒޭނިއާ އާއި ކެންޔާގެ ބޮޑު ބައެއް ހިމެނޭހެން އެ ސަހައްދުގައި ވެރިކަން ކުރަމުން ގެންދިޔައީ އޮމާނުގެ ރަސް ދަރިކޮޅަކުންނެވެ. ނަވާރަވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން އިނގިރޭސިންނާއި ޔޫރަޕްގެ ބާރުތަކުން އެސަރަހައްދަށް އަތް ގަދަ ކުރަމުން އައިސް މައި ބައްރުގެ ހުރިހާ ހިސާބެއް ޒެންޒިބާރުގެ މިލްކުވެރިކަމުން ވަކި ކުރުވި އެވެ.

ޖަރުމަނާއި އިނިގިރޭސިންގެ މެދުގައި އެ ހިސާބު ބަހާލުމަށްފަހު ޒެންޒިބާރުގެ ރަސްގެފާނަށް މަޖުބޫރު ކޮށް ހިމާޔަތުގެ އެއްބަސްވުމެއްގައި ސޮއި ކުރުވި އެވެ. އެ އެއްބަސްވުމުގެ އެންމެ މުހިންމު އެއް މާއްދާއަކީ ރަސްކަމަށް މީހަކު އައްޔަން ކުރުމުގެ ކުރިން އިނގިރޭސިންގެ ހުއްދަ ހޯދަން ޖެހޭ މާއްދާ އެވެ. ޒުވާން ރަސްގެފާނު ތާށިވެ ވަޑައިގެންފައި ހުރީ އެ މާއްދާގަ އެވެ.

ޚާލިދު ދެކެވަޑައިގެންނެވި ގޮތުގައި ތާރީޚީ ގޮތުން އެހާ މުހިންމު ގަނޑުވަރެއް ފުނޑުފުޑު ކޮށްލާފައި ރަސްކަން އަތުލަން އިނގިރޭސިންނަކަށް ނުކެރޭނެ އެވެ. އެހެންކަމުން 3،000 ގާޑުންނާއެކު ޚާލިދު ހުންނެވީ އިނގިރޭސި ސަރުކާރަށް ދޫދެއްވާ ގޮތަކަށް ނޫނެވެ.

ގަނޑުވަރުގެ ތެރޭގައި ޚާލިދު ހަމަޖެހިވަޑައިގެން ހުންނެވިއިރު އިނގިރޭސިން ދިޔައީ ތަޚުތު ދޫކޮށް ގަނޑުވަރުން ބޭރު ވުމަށް އަންގަމުންނެވެ. އެންމެ ފަހުން އިނގިރޭސި ގަވަރުނަރުގެ ފަރާތްޕުޅުން ޚާލިދަށް އެންގެވީ އޮގަސްޓު 27 ވަނަ ދުވަހުގެ ހެނދުނު 9.00ގެ ކުރިން ގަނޑުވަރުގެ ދިދަތައް ބާލައި ހުދު ދިދައެއް ނެގުމަށްފަހު އަމާން ދިނުމަށެވެ.

ގަނޑުވަރުގެ ހުދު ފާރުތަކުގެ އެތެރޭގައި ހުނަނަވައި ޚާލިދު ފޮނުވި މެސެޖުކުރެވެ. ހަރުކަށްޓެވެ. އޭގައި އޮތެވެ. ތިބޭފުޅުން ގަނޑުވަރަށް ހަމަލަ ދޭނެ ކަމަކަށް ގަބޫލެއް ނުކުރަމެވެ. ޖަވާބުގައި ގަވަރުނަރު ފޮނުއްވި މެސެޖުގައި ވިދާޅުވީ ހަމަލަ ދޭން ބޭނުން ނުވާ ކަމަށާއި އެހެން ނަމަވެސް އަނގާފައިވާ ގޮތަށް އަމަލު ނުކޮށްފި ނަމަ ހަމަލަ ދޭނެ ކަމަށެވެ.

ހެނދުނު 9 ޖަހައިފި އެވެ. ގަނޑުވަރުން ހުދު ދިދައެއް ނުނެގި އެވެ. ގަޑިން 9.02 ހިނގި ތަނާ އިނގިރޭސި ކޮމާންޑަރުގެ އަމުރަށް މަނަވަރުތަކުން އެއްފަހަރާ ގަނޑުވަރަށް ހަމަލާދިނެވެ. މަނަވަރުތަކުން ހަމަލާ ދޭން ފެށުމާއެކު ގަނޑުވަރުގެ ފުރާޅާއި ފާރުތައް ބުރަބުރައިގެން ގޮސް އެތެރޭގައި ހުރި ހަތިޔާރުތައް ގޮވަން ފެށި އެވެ. އެ ވަގުތު ގަނޑުވަރުގެ ފަހަތު ދޮރަކުން ނިކުމެ ވަޑައިގެން ރަސްގެފާނު ޚާލިދު ފިލާވަޑައިގެންނެވި އެވެ. ޚާލިދު ހިމާޔަތް ހޯއްދެވީ ކައިރީގައި ހުރި ޖަރުމަނުގެ ކޮންސިއުލޭޓުންނެވެ.

އިނގިރޭސިންގެ ހަމަލާގައި ޒެންޒިބާރުން 500 ވަރަކަށް މީހުން މަރުވި އެވެ. އައްސޭރީގައި ބަހައްޓާފައި ހުރި ބަޑިތަކުން ޒެންޒިބާރުގެ ސިފައިން ހަމަލާ ދިން ކަމަށް ވިޔަސް އިނގިރޭސި އެންމެ އޮފިސަރަކު ކުޑަކޮށް ޒަޚަމްވުން ނޫން ކަމެއް އެ ހަމަލާތަކުން ނުވެ އެވެ.

38 މިނިޓުގެ ހަނގުރާމައަށްފަހު ގަނޑުވަރުން ހުދު ދިދަ ނެގި އެވެ. އެއާ އެކު މަނަވަރު ތަކުން ބަޑި ޖެހުން ހުއްޓާލި އެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި އިނގިރޭސިންނަށް ބޯލަނބާ ބޭފުޅެއް ކަމަށްވާ ސުލްތާން ހަމޫދު ބިން މުހައްމަދު ރަސްކަމަށް އިސްކޮށްފަ އެވެ.

ޒެންޒިބާރުގެ ގަނޑުވަރާއި އިނގިރޭސި އެމްޕަޔަރާ ދެމެދު ކުރެވުނު މި ތާރީޚީ ހަނގުރާމައަކީ މިހާތަނަށް ދުނިޔޭގައި ކުރެވުނު އެންމެ ކުރު ހަގނގުރާމަ އެވެ.