ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށާއި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިމްތިހާނުތަކުގެ އިތުބާރު ކަށަވަރުކޮށް ދިނުމަށް ގޮވާލައި، އިންޑިއާގެ ބިހާރު ސްޓޭޓްގެ ޗީފް މިނިސްޓަރުގެ ގެކޮޅުކައިރީގައި ދަރިވަރުންނާއި ވަޒީފާނެތް ޒުވާނުން އަންގާރަ ދުވަހު ކުރި މުޒާހަރާގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.

ގާތްގަނޑަކަށް 130 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބިހާރުގެ ވެރިރަށް ޕަޓްނާގައި ކުރިއަށްދިޔަ މި މުޒާހަރާގެ ބައިވެރިން ސަލާމަތީ ފިޔަވަޅުތައް މުގުރާލައި ކުރިއަށް ދާން ފެށުމުން، ފުލުހުން ވަނީ ފެންބަޑި ބޭނުންކޮށްފަ އެވެ. މި މުޒާހަރާ ކުރިއަށް މިދަނީ، އިންޑިއާގެ މުހިންމު އިމްތިހާނުތަކެއްގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ނިއުދިއްލީގައި ޒުވާނުން ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން ވަކިކުރިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ލޯކަލް މީޑިއާތަކުން ދައްކާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ޕަޓްނާގައި މުޒާހަރާކުރި މީހުން ދަނީ ސަރުކާރުގެ ވަޒީފާތަކަށް ފުރުސަތު ހުޅުވާލުމަށާއި، ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ މުހިންމު އިމްތިހާނެއް ބާތިލުކުރުމުގެ އިތުރުން، އިމްތިހާނު ބާއްވާ އުސޫލަށް ސަރުކާރުން ގެނައި ބަދަލުތައް އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ސަލާމަތީ ބާރުތަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. ޕަޓްނާގެ ޕޮލިސް ސުޕްރިންޓެންޑެންޓް ކާތިކޭޔާ ކޭ ޝަރުމާ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުންނާ ދިމާލަށް ގާ އުކި މީހުން ދެނެގަނެ، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ވޭތުވެދިޔަ ހަފުތާގައި ވަޒީފާނެތް ޒުވާނުން ވަޒީފާގެ ފުރުސަތުތަކަށް އެދި ފެށި މި މުޒާހަރާ މިހާރު ވަނީ ތައުލީމީ ދާއިރާގެ އިސްލާހީ ބަދަލުތަކަށް ގޮވާލާ ހަރަކާތަކަށް ފުޅާވެފަ އެވެ.

ބިހާރުގެ ޗީފް މިނިސްޓަރު ސަމްރާތު ޗައުދަރީ ވިދާޅުވީ، އޭނާގެ އޮފީހުން ދަނީ ކޮންމެ ދަރިވަރެއްގެ އަޑުވެސް އަހަމުން ކަމަށެވެ.

ދަރިވަރުންގެ މައްސަލަތަކާއި ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި "ސްޓޫޑަންޓް ސަޕޯޓް ކޭމްޕް" އެއް މިއަދު ފަށާފައިވާ ކަމަށް ޗައުދަރީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. އަދި ދަރިވަރުންނަށް އޮންލައިންކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ވަޒީފާގެ ބާޒާރުގައި ހުރި ދަތިތަކުގެ ސަބަބުން، ދާއިމީ ސަރުކާރު ވަޒީފާތަކަކީ އެތައް މިލިއަން ޒުވާނުންނެއް އުންމީދުކުރާ ވަޒީފާތަކެކެވެ. ނިއުދިއްލީގައި "ކޮކްރޯޗް ޖަންތާ ޕާޓީ" އިސްވެ އޮވެ ކުރި މުޒާހަރާތަކަށް ފަހު، ވެރިކަން ކުރާ ބީޖޭޕީ އާއި އިދިކޮޅު ޕާޓީތަކާ ދެކޮޅަށް ވެސް އެކި ސްޓޭޓްތަކުގައި މިފަދަ މުޒާހަރާތައް ދަނީ ކުރަމުންނެވެ.

އެގޮތުން ދެކުނުގެ ކަރްނާޓަކާ ސްޓޭޓްގައި ވެސް، ސަރުކާރު ވަޒީފާތަކަށް މީހުން ހޮވުމުގައި ހުރި މައްސަލަތަކާ ގުޅިގެން ބީޖޭޕީ އާ ގުޅުން އޮންނަ ދަރިވަރުންގެ ޖަމިއްޔާއަކުން ވަނީ ޗީފް މިނިސްޓަރުގެ ގެކޮޅު ކައިރީގައި މުޒާހަރާކޮށްފަ އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން އާންމުކުރި މަންޒަރުތަކުން ފެންނަ ގޮތުގައި، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރުކޮށްފަ އެވެ.