އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ޗުއިންގަމް، ޖޭމު، އަދި ހަކުރު ނުހިމެނޭ (ޝުގަ-ފްރީ) ކާބޯތަކެތީގައި އާންމުކޮށް ބޭނުންކުރާ ފޮނިކުރާ މާއްދާއެއް ކަމަށްވާ 'ޒައިލިޓޯލް'އަކީ ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ ބޮޑުކުރާ އެއްޗެއްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

"ދަ ގާޑިއަން" ނޫހުގައި ރިޕޯޓުކޮށްފައިވާ މި ދިރާސާއިން ހާމަވާ ގޮތުގައި މިއީ ސިއްހީގޮތުން ކަންބޮޑުވާން ޖެހޭ މައްސަލަ އެކެވެ. ޒައިލިޓޯލް އަކީ ހަކުރުގެ ބަދަލުގައި ފޮނި ރަހަ ގެނައުމަށް ކާތަކެތީގައި ބޭނުންކުރާ އާޓިފިޝަލް ސްވީޓްނާ އެކެވެ.

މިއީ ހަކުރުބަލި ހުންނަ މީހުންނާއި، ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް އަމާޒު ކޮށްގެން އުފައްދާ އުފެއްދުންތަކުގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބާވަތެކެވެ.

މި ދިރާސާއިން ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ، އިންސާނާގެ ލޭގައި ޒައިލިޓޯލް އެކުލެވޭ މިންވަރު މަތިވާނަމަ، ލޭ ގަނޑުވުމުގެ ފުރުސަތު ބޮޑުވާކަމެވެ. ލޭ ގަނޑުވުމަކީ ހިތުގެ ނާރުތައް ބެދުމަށް މެދުވެރިވާ ކަމަކަށްވާއިރު، މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމަށް ދިރާސާކުރި ފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ.

އެހެން ކަމުން، ސިއްޙަތަށް ފައިދާހުރި ކަމަށް ހީކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުން ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަށް މަގުފަހިވުމަކީ އެކަށީގެންވާ ކަމެއްކަން މިވަނީ ހާމަވެފަ އެވެ.

މި ހޯދުންތަކާ ގުޅިގެން، ސިއްހީ މާހިރުން މިހާރު އިރުޝާދު ދެއްވަނީ އާޓިފިޝަލް ސްވީޓްނާސް ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ސަމާލު ވުމަށެވެ.

ހާއްސަކޮށް ހިތުގެ ބަލިތަކުގެ ނުރައްކާ އޮންނަ ފަރާތްތަކުން ޒައިލިޓޯލް އެކުލެވޭ ކާބޯތަކެތި ބޭނުން ކުރުން މަދުކުރުމަށް ނުވަތަ މުޅިން ހުއްޓާލުމަށް ވަނީ ލަފާ ދެއްވާފަ އެވެ.

މިއީ އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގައި ހިމެނޭ މާއްދާއަކަށް ވުމާއެކު، ބާޒާރުން ކާތަކެތި ގަންނައިރު އޭގައި އެކުލެވޭ ބާވަތްތައް (އިންގްރީޑިއެންޓްސް) ބަލައި، އެއީ ސިއްހަތަށް ރައްކާތެރި ތަކެތިތޯ ކަށަވަރު ކުރުމަކީ އަމިއްލަ ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.