ކަސްރަތު ކުރުމަށްފަހު މުޅިން ދާހިއްލާ ފޯވެފައި ހުންނަ ހުރުމަކީ ކަސްރަތު ވަރަށް ފުރިހަމައަށް ކުރެވުނީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަބަބެކެވެ.
ނަމަވެސް، ގިނައިން ދާހިއްލުމަކީ ނުވަތަ ކަސްރަތަށްފަހު މަސްތަކުގައި ރިއްސުމަކީ އިތުރަށް ސަރުބީ ވިރުނު ކަމުގެ ހެއްކެއް ނޫނެވެ.
މަޝްހޫރު ފިޓނަސް ކޯޗު ޝަޑޯއި ލިއަން ވަނީ ކަސްރަތާއި ސަރުބީ ވިރުމާ ގުޅޭ ގޮތުން މީހުން ދެކޭ ގޯސް ވިސްނުންތަކާއި އެކަމުގެ ހަގީގަތްތައް ހާމަ ކޮށްދީފަ އެވެ.
ދަލަކީ ހަށިގަނޑުގެ ފިނިހޫނުމިން ހިފަހައްޓައިދޭ އެއްޗެއް!
"ދަލަކީ ހަށިގަނޑު އަމިއްލައަށް ފިނި ކުރުމަށްޓަކައި ނެރޭ އެއްޗެކެވެ. ހޫނު ކޮޓަރިއެއްގައި ހުރުމުން، ސޯނާ ސޫޓެއް ލުމުން، ނުވަތަ ހޫނު ގަދަ ޖިމެއްގައި އުޅުމުން ދާހިއްލާނެ. ނަމަވެސް އޭގެ ސަބަބުން އިތުރަށް އެއްވެސް ސަރުބީއެއް ނުވިރޭނެ" ލިއަން ބުންޏެވެ.
ކަސްރަތު ކުރުމަށްފަހު ކިރާލާއިރު ބަރުދަން ލުއިވެފައި ހުންނަނީ ހަށިގަނޑުން ފެން މަދު ވުމުން ކަމަށާއި، ފެނާއި ކާނާ ބޭނުން ކުރުމާއެކު އެ ބަރުދަން އަލުން އަންނާނެ ކަމަށް އޭނާ ފާހަގަކުރި އެވެ.
މަސްތަކުގައި ރިއްސުމަކީ ކުރިއެރުން ލިބޭ ކަމުގެ ނިޝާނެއް ނޫން
ކަސްރަތު ކުރުމަށްފަހު މަސްގުޅަ ކެއުމާއި ގައިގައި ރިއްސުމަކީ ވެސް ކަސްރަތު ފުރިހަމަވީ މިންވަރު ދެނެގަތުމަށް ގިނަ ބަޔަކު ބޭނުންކުރާ މިންގަނޑެކެވެ.
ނަމަވެސް ލިއަން ބުނާ ގޮތުގައި ރިއްސުމަކީ ކާމިޔާބު ކަސްރަތެއްގެ ހެއްކެއް ނޫނެވެ. ރަނގަޅު ނޫން ވޯމް-އަޕްއެއްގެ ސަބަބުން ވެސް މަސްތަކުގައި ރިއްސަފާނެ އެވެ. އަދި ރިއްސުމެއް ނެތި ވެސް މަސްތައް ވަރުގަދަވެ، ބޮޑުވެދާނެ އެވެ. ކުރިއެރުން ވަޒަން ކުރަންވާނީ ބާރުގަދަ ވުމާއި، ހިތްވަރުގަދަ ވުމާއި، އަދި ހަށިގަނޑަށް އަންނަ ބަދަލުތަކުންނެވެ.
ކާޑިއޯ މެޝިންތަކުން ދައްކާ ސަރުބީ އަންދާޒާއެއް
ކާޑިއޯ މެޝިންތަކުގައި ކަސްރަތު ކުރާއިރު ދައްކާ ސަރުބީގެ ޢަދަދަކީ ހަމައެކަނި އަންދާޒާއެއް ކަމަށާއި، ގިނަ ފަހަރަށް އެއީ މާ ސީދާކޮށް ދައްކާ ޢަދަދެއް ކަމަށް ލިއަން ބުންޏެވެ. އެހެން ކަމުން މެޝިނުން ދައްކާ އަދަދަށް ފުރިހަމައަށް ބަރޯސާވުމަކީ ރަނގަޅު ގޮތެއް ނޫނެވެ.
އަސްލު ނަތީޖާ ހޯދަން ކުރަންޖެހޭ ކަންކަމަކީ ކޮބާ؟
ސަރުބީ ވިރުވައި ހަށިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ހަމައެކަނި ވަރުގަދަ ކަސްރަތުތަކަށް ބަރޯސާވުމުގެ ބަދަލުގައި މުހިންމު ކަންކަމަށް ސަމާލުކަން ދިނުމަށްށް ލިއަން ލަފާދެ އެވެ.
- ރަނގަޅު ކާނާ ކެއުން
- ކޮންމެ ދުވަހުވެސް ހަރަކާތްތެރިވެ އުޅުން
- ބަރު އުފުލުމުގެ ކަސްރަތު ކުރުން
- ހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމު ކުރުން
"ދާހިއްލާވަރަށް ނުވަތަ ވަރު ދެރަވާ ވަރަށް ކަސްރަތު ކުރުމުގެ ފަހަތުން ދުވުމުގެ ބަދަލުގައި، ބަރުދަނަށް ހެޔޮ ބަދަލުތައް ގެންނަ ކަންކަމަށް ސަމާލުކަން ދޭން ޖެހޭ،" ނިންމާލަމުން ލިއަން ބުންޏެވެ.
މަސްތުގެ ހާލަތުގައި ކާރު ދުއްވައި އެކްސިޑެންޓްކުރި މީހާ ބަންދު
އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް، ފަރުވާދެނީ ވެންޓިލޭޓަރުގައި