ފަސްތަރީގެ ފެންވަރަށް ހެދި 136 ކޮޓަރީގެ "ބާސެލޯ ނަސަންދުރަ" ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން 16 ބުރިއަށް ސްޕެއިންގެ ބާސެލޯ ގްރޫޕުން ތަރައްގީކުރި ހޮޓެލުގައި ޒަމާނީ ގިނަ ޚިދުމަތްތައް ލިބެން ހުރެ އެވެ.

ބާސެލޯ ނަސަންދުރަ ހޮޓަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރުގު އިބްރާހިމް އެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވަނީ ނަސަންދުރަ ހޮޓަލަކީ މަލެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިންގީލާބީ ބަދަލެއް ގެނުވި ތާރީޙެއް އޮތް ތަނެއްކަން ފާހަގަކުރައްވާފަ އެވެ.

"މިތަނުގައި ކޮންފަރެންސް ވަސީލަތްތަކަކީ ވެސް ވަރަށް ފުރިހަމައަށް ގިނަ ޚިދުމަތްތަކެއް ލިބޭގޮތަށް ތަރައްގީކޮށްފައިވާ ވަސީލަތްތަކެއް. މީގެ ސަބަބުން މައިސް ޓޫރިޒަމަށް މަގުފަހިވެގެންދާނެ. އަދި މިއީ ޚިޔާލުތައް ބަދަލުކޮށް ގުޅުންތައް ގާއިމްކުރުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ބާސެލޯ ގްރޫޕުގެ ފަރާތުން މި ހަފްލާގައި ވާހަކަ ދައްކަވަމުން ހޮޓެލްގެ ޖެނެރަލް މެނޭޖަރު އެންރިކް ރެއިނާ ކެނިޓްރޮޓް ވިދާޅުވީ މި ހޮޓެލް ހުޅުވަނީ ފަޚުރުވެރިކަމާއެކު ރަނގަޅު ޚިދުމަތެއް ދިނުމުގެ އަމާޒުގައި ކަމަށެވެ. އަދި މި ތަނުގެ ސަބަބުން ރަނގަޅު މާނަހުރި ޚިދުމަތްތަކެއް ލިބޭނެ ކަމަށް އެ ގްރޫޕުން ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަނުގައި 116 މަތީ ފަންތީގެ ސާވިސް އެޕާޓްމެންޓް ވެސް ހުރެ އެވެ. އަދި މިތަން ހުޅުވާފައި މިވަނީ އެންމެ ފުރަތަމަ ނަސަންދުރަ ޕެލެސް ހޮޓެލް ބަނދުކުރިތާ 10 އަހަރު ފަހުންނެވެ.