ޑައިވިއަންއަށް ދިޔަ ފަހުން ގެއްލިގެން ހޯދާ އިޓަލީގެ ފަސް މީހުންގެ ތެރެއިން އެކަކު މަރުވެ، އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރިން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް ޓޫރިސްޓަކު މަރުވެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ފުލުހުން ބުނީ ފަސް މީހުން މަރުވި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށެވެ. ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނުނީ އެންމެ މީހެއް ކަމަށެވެ. އަދި އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން ނިޔާވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވިފައިވަނީ، އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން. ނަމަވެސް، މިހާތަނަށް ފެނިފައިވަނީ ނިޔާވެފައިވާ އެކަކުގެ ހަށިގަނޑު. އަދި ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރު ވެސް ދަނީ ކުރަމުން. މި ކުށަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދެން،" ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ.

ބޭރު ބަޔަކު އޮޕަރޭޓްކުރާ "ޑިއުކް އޮފް ޔޯކް" ސަފާރީން ޑައިވިނަށް ދިޔަ މި ފަސް މީހުން ގެއްލުނީ އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ކުރީގެ ވަގުތެއްގައި ފޭބި ގޮތަށް މެންދުރު 12 ޖެހި އިރު ވެސް ނޭރުމުން ކަމަށް ވަނީ އެނގިފަ އެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 1:45 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. މި ހާދިސާ ހިނގި ސަރަހައްދަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުރިން ޑައިވިންއަށް ދިޔަ ފަސް މީހަކު މަރުވެފައި އޮތްވައި ފެނުނު ކަމަށް ލިޔެފައި ވަނީ ފުލުހުން އެގޮތަށް މައުލޫމާތު ދިނުމުން. ނަމަވެސް ފަހުން ފުލުހުން ވަނީ އެއީ އޮޅުމެއް ކަމަށް ބުނެފައި.