އިޒްރޭލުން ޣައްޒާގައި ހިންގަނީ އަނިޔާވެރި އަމަލުތަކެއްކަމާ މެދު ޝައްކެއް ނެތް ކަމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް، ޖޯ ބައިޑެންގެ ސަރުކާރުގެ ތަރުޖަމާނު މެތިއު މިލާ އެއްބަސް ވެއްޖެ އެވެ.
ބައިޑެން ސަރުކާރުގެ "އަޑު" އަދި ސިޔާސަތުތައް ދުނިޔެއަށް ހާމަކުރުމުގެ އެންމެ އިސްފަރާތުގެ ދައުރު އަދާކުރި މިލާ ވަނީ "ޓްރަމްޕް 100" ޕޮޑްކާސްޓްގައި، ނިމިދިޔަ ސަރުކާރުގައި ކުރިމަތިވި ހަމަނުޖެހުންތަކާއި ގޮންޖެހުންތަކަށް އަލި އަޅުވާލާފަ އެވެ.
މިގޮތުން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމަށް އަލިއަޅުވާލައި، މިލާ ވިދާޅުވީ ޣައްޒާގައި ހަނގުރާމަ އާއި ޚިލާފު އަމަލުތައް ޔަހޫދީ ފައުޖުން ހިންގިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، މި ފަދަ އަމަލުތަކުގެ ޒިންމާ ޔަހޫދީ ސިފައިން ނަގާފައި ނުވާ ކަމަށެވެ. އަދި މި ސިޔާސަތުގެ މަސައްކަތް ކުރާނެ ގޮތާއި މެދު އެމެރިކާގެ ސަރުކާރުގެ ތެރޭގައި ވެސް ހަމަނުޖެހުންތައް އުފެދުނު ކަމަށާއި 2024 ވަނަ އަހަރު އޮތް އެމެރިކާގެ އިންތިހާބަށް ބައިޑެން އަށް ވުރެ ރަނގަޅު ކެނޑިޑޭޓެއް ބޭނުންވާކަމަށް އޭނާ އަށް ވެސް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.
2023 ވަނަ އަހަރުން ފެށިގެން ބައިޑެންގެ ސަރުކާރުގެ ދައުރު ނިމެންދެން، ޔޫކްރެއިން- ރަޝިއާ ހަނގުރާމަ އިން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގާ ގަތުލުއާއްމާއި ހަމައަށް، އެމެރިކާގެ ސިޔާސަތުތައް ބަޔާންކުރުމުގައި ދެމިހުރި މިލާ ވަނީ މިފަދަ ސިޔާސަތުތަކުގެ ސަބަބުން ބައިޑެން ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތޮނީ ބްލިންކެން އާއި ބައިޑެން އާއި ދެމެދު ވެސް ގުޅުން ގޯސްވެގެން ދިޔަކަން ހާމަކޮށްފަ އެވެ.
މި ވާހަކަތަކަށް އެ މަގާމުގައި ހުރިއިރު ނުދެއްކީ ކީއްވެތޯ ސުވާލުކުރުމުން މިލާ ބުނީ ޕޯޑިއަމަށް އަރާ އޭނާ ތަމްސީލު ކޮށްދެނީ އެމެރިކާ ސަރުކާރު ކަމަށާއި ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ކަމަށްވާތީ އަމިއްލަ ގަބޫލުކުރުންތަކަށް ވާހަކަ ނުދެއްކޭނެ ކަމަށެވެ. ނަމަވެސް މަގާމުން ދުރުވުމަށްފަހު އަމިއްލަ ހިޔާލުތައް ފާޅުކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މިލާ ވިދާޅުވި އެވެ.
އޭރު ބައިޑެން ގެ ސަރުކާރުން ދޭތެރެއަކުން އިޒްރޭލަށް ހަތިޔާރު ފޯރުކޮށްދިނުން ކުޑަ ދުވަސްކޮޅަކަށް މެދުކަނޑާލި ނަމަވެސް ޣައްޒާ ގަތުލުއާއްމާއި ގުޅިގެން ގެންގުޅު ސިޔާސަތާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
އޭގެ ފަހުން އެމެރިކާގެ ވެރިކަމާ ހަވާލުވި، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވެސް މިކަމުގައި ގެންގުޅޭ ސިޔާސަތާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހާއްސަކޮށް ޣައްޒާގެ ރައްޔިތުން ކައިރި ގައުމުތަކަށް ބަދަލުކޮށް އެ ސަރަހައްދު ހުސްކޮށް އެމެރިކާގެ ވެސް ބައިވެރިވުމާއެކު އެތަން "ފްރީ ޒޯން" އަކަށް ތަރައްގީ ކުރުމަށް ގެންގުޅޭ ވިސްނުމަކީ ނަސްލު ނައްތާލުން ކަމަށް ބުނެ މުޅި ދުނިޔެއިން ވެސް އަންނަނީ އެކަން ނުކުރުމަށް ގޮވާލަމުންނެވެ.