ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމާ ގުޅޭ ދިރާސާއެއް ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމައިފި އެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައު އަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.
މިގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށްފަހު އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް ކަމާ ބެހޭ ވަޒީރުންނަށް އަންގަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދައިން ނިންމާފައިވަނީ މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމާއި، 21 އަހަރު ނުފުރޭ މީހުންނަށްވެސް ދުންފަތް ވިއްކުން ވަނީ މަނާކުރުމާއި، 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާކުރުމުގެ އިތުރުން ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކުރުން ހިމެނެ އެވެ.