އީރާނާ ދެކޮޅަށް އެމެރިކާއިން ކުރި 40 ދުވަހުގެ ހަނގުރާމައިގައި މަދުވެގެން 42 އަސްކަރީ މަތިންދާބޯޓު ގެއްލިފައިވާ ކަމަށް ކޮންގްރެސްގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

އަލަށް އާންމުކުރި ކޮންގްރެސްގެ ރިޕޯޓެއްގައި ބުނާގޮތުން އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާގެ މަދުވެގެން 42 އުޅަނދެއް ވަނީ ގެއްލިފަ އެވެ. މީގެ ސަބަބުން ލިބުނު މާލީ ގެއްލުން މިހާރު ވެސް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ޕެންޓަގަން، ޔުނައިޓެޑް ސްޓޭޓްސް ސެންޓްރަލް ކޮމާންޑް އަދި ދިފާއީ މީޑިއާތަކުން ލިބުނު މައުލޫމާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ވާގޮތުން، ގެއްލުނު އުޅަނދުތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 2.6 ބިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިންޒާރު ދެއްވާ ގޮތުގައި، ހަގީގީ އަދަދު މިއަށް ވުރެ މާ މަތިވުން އެކަށީގެންވެ އެވެ. އަދި ހަނގުރާމައިގައި ލިބުނު ހުރިހާ ގެއްލުންތަކުގެ ފުރިހަމަ ހިސާބުތައް ޕެންޓަގަނަށް ލިބިފައިވޭތޯ އަދިވެސް ސާފުނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މި ލިޔުމުގައިވާ ގޮތުން، ގެއްލުނު އުޅަނދުތަކުގެ ތެރޭގައި ހަނގުރާމަމަތީ ޖެޓުތަކާއި، ޖާސޫސީ ބޯޓުތަކާއި، ތެޔޮ އަޅާ ބޯޓުތަކާއި، ރެސްކިއު ހެލިކޮޕްޓަރުތަކުގެ އިތުރުން ޑްރޯންތައް ހިމެނެ އެވެ.

ނެތިގޮސްފައިވާ ނުވަތަ ގެއްލުން ލިބިފައިވާ އުޅަނދުތަކުގެ ތެރޭގައި ހަތަރު F-15E ސްޓްރައިކް އީގަލް ޖެޓާއި، އެއް F-35A ލައިޓްނިން II އާއި، އެއް A-10 ތަންޑަ ބޯލްޓް II އާއި، ހަތް KC-135 ސްޓްރެޓޯ ޓޭންކަ އަދި އެއް E-3 ސެންޓްރީ އިންޒާރުދޭ ބޯޓު ހިމެނެ އެވެ. މީގެ އިތުރުން ދެ MC-130J ކޮމާންޑޯ II އާއި، އެއް HH-60W ޖޮލީ ގްރީން II އާއި، 24 MQ-9 ރީޕަ ޑްރޯން އަދި އެއް MQ-4C ޓްރައިޓަން ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގެ ޑިމޮކްރެޓިކް ކޮންގްރެސް މެންބަރު އެޑް ކޭސް ދާދި ފަހުން ސެނެޓްގައި ބޭއްވި އަޑުއެހުމެއްގައި ވިދާޅުވީ، އީރާނާއެކު ކުރި ހަނގުރާމައިގައި ވޮޝިންޓަނަށް މިހާތަނަށް ގާތްގަނޑަކަށް 39 އުޅަނދު ގެއްލިފައިވާ ކަމަށެވެ. ޕެންޓަގަންގެ ޗީފް ފައިނޭންޝަލް އޮފިސަރު ޖޫލްސް ހާސްޓާ ސުވާލު ކުރައްވަމުން ކޭސް ވަނީ، "ދަ ވޯ ޒޯން" ނަމަކަށް ކިޔާ ދިފާއީ ނޫހަކުން ކުރިން ޝާއިއުކުރި ރިޕޯޓަކަށް އިޝާރާތް ކުރައްވައި، ގެއްލުނު އުޅަނދުތައް އަލުން ހޯދުމަށް ހިނގާނެ ފުރިހަމަ ހަރަދު ޕެންޓަގަނުން ބަލާފައިވޭތޯ އައްސަވާފަ އެވެ.

މިކަމާ ގުޅިގެން ހާސްޓް ވިދާޅުވީ ގެއްލުންތަކުގެ ތަފްސީލު އާންމުކޮށް ކަށަވަރުކޮށްދެވެން ނެތް ކަމަށާއި، މަރާމާތު ކުރުމަށާއި އަލުން އުޅަނދުތައް ހޯދުމަށް ހިނގާނެ ހަރަދު އަންދާޒާ ކުރުމުގެ ކުރިން ފުރިހަމަ ދިރާސާއެއް ކުރަން ޖެހޭ ކަމަށެވެ.

ކޭސް ހަވާލާދެއްވި "ދަ ވޯ ޒޯން" ރިޕޯޓުގައި ބުނެފައި ވަނީ އީރާނާއެކު ކުރި 40 ދުވަހުގެ ހަނގުރާމައިގައި އެމެރިކާގެ ވައިގެ ސިފައިން ގާތްގަނޑަކަށް 13,000 ފްލައިޓް އޮޕަރޭޓް ކޮށްފައިވާ ކަމަށެވެ. ކޮންގްރެސްގެ ރިޕޯޓުގައި މިހާރު ބުނަނީ ދިގު މުއްދަތުގައި މިކަމަށް ހިނގާނެ ހަގީގީ ޚަރަދު މިހާރުގެ އަންދާޒާތަކަށް ވުރެ މާ މަތިވެގެން ހިނގައިދާނެ ކަމަށެވެ.

މި ދިރާސާގައި ބުނާގޮތުން، ހަލާކުވި ބައެއް އުޅަނދުތަކުގެ ބަދަލުގައި އާ އުޅަނދު ހޯދުމަށްޓަކައި، މިހާރު އުފެއްދުން ހުއްޓާލާފައިވާ ސިސްޓަމްތަކުގެ ޕްރޮޑަކްޝަން ލައިންތައް އަލުން ފަށަން ޖެހިދާނެ އެވެ. ޚާއްސަކޮށް E-3 ސެންޓްރީ ބޯޓެއް ހަލާކުވުމުން، ކުރިން ހުއްޓާލާފައިވާ E-7 ވެޖްޓެއިލް ޕްރޮގްރާމް އަލުން ފަށަން ޕެންޓަގަނަށް މަޖުބޫރުވެދާނެ ކަމަށާއި، އެކަމަށް އެކަނި ވެސް 2.5 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަވާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. މުހައްލިލުން ލަފާކުރާ ގޮތުގައި އުޅަނދުތައް ބަދަލުކުރުމުގެ ޖުމްލަ ޚަރަދު 7 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އެރުން އެކަށީގެންވެ އެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމަ ފެށީ ފެބްރުއަރީ 28 ގަ އެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލުގެ އަމާޒުތަކަށާއި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

މި ހަނގުރާމައިގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ފައިޓާ ޖެޓްތަކާއި، މިސައިލްތަކާއި، ޑްރޯންތައް ހުއްޓުވައި ބިމާ ހަމަކޮށްފަ އެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ބުނަމުންދަނީ، މި ހަނގުރާމައިން އެނގިގެންދިޔައީ އީރާނުގެ މިސައިލް އަދި ޑްރޯން ގާބިލުކަމުގެ ކުރިމަތީގައި އެމެރިކާގެ ޒަމާނީ އަސްކަރީ ސިސްޓަމްތަކަކީ ނާޒުކު އެއްޗެއް ކަމެވެ.

އެމެރިކާގެ ފާހަގަކޮށްލެވޭ F-35 ޖެޓެއް ވައްޓާލި އީރާނުގެ އިސް އޮފިސަރަކު ވިދާޅުވީ ރާޑަރުތަކަށް ނުފެންނަ (ސްޓެލްތު) ބޯޓުތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ.

ރަސްމީ ފަރާތްތަކުން ބުނާގޮތުގައި މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެމެރިކާ އާއި އިޒްރޭލުގެ 170 ޑްރޯން ވައްޓާލާފަ އެވެ. އީރާނުގެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތަކަކީ ދުޝްމަނުންގެ އުޅަނދުތަކާއި، ކްރޫޒް މިސައިލްތަކާއި، ކުދި ބޯޓުތަކަށް ފަސޭހަކަމާއެކު ހަމަލާދީ ވައްޓާލުމުގެ ގާބިލުކަން ލިބިގެންވާ ނިޒާމުތަކެކެވެ.