އިރާން ހަނގުރާމައާއެކީ ހަކަތައިގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރާ ހޭދަ ދެ ގުނައަށް ވުރެ މައްޗަށް ޖެހި، މިހާރު ހުރި ރޭޓުގައި ހަރަދުކުރަމުންދާ ނަމަ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ސަބްސިޑީއަށް ބަޖެޓުކުރި 2.8 ބިލިއަން ރުފިޔާ ހުސްވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުގެ ހިސާބުތަކަށް ބަލާއިރު ހަނގުރާމަ ފެށުމުގެ ކުރިން، އަހަރުގެ ފުރަތަމަ އަށް ހަފުތާގައި ސަބްސިޑީއަށް ހަފުތާއަކު އެވްރެޖުކޮށް ހޭދަވީ 63.6 މިލިއަން ރުފިޔާ (ޖުމްލަ 509.3 މިލިއަން ރުފިޔާ) އެވެ. ނަމަވެސް ބައިނަލްއަގްވާމީ ބާޒާރުގައި ހަކަތައިގެ އަގު މައްޗަށް ދިއުމާއެކު، ހަނގުރާމައިގެ ފަހުން ހިނގި 11 ހަފުތާގެ ތެރޭގައި ސަބްސިޑީގެ ދުވެލި ވަނީ ދެގުނައަށްވުރެ ބާރުވެފަ އެވެ. އެ މުއްދަތުގައި އެކަނިވެސް 1.7 ބިލިއަން ރުފިޔާ ހަރަދުވެ، ހަފުތާއެއްގެ އެވްރެޖް ހޭދަ ވަނީ 159.9 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މިދިޔަ މަހުގެ 14 އާ ހަމައަށް ބަލާއިރު، މިއަހަރަށް ކަނޑައެޅި ޖުމްލަ ސަބްސިޑީ ބަޖެޓުގެ 78 ޕަސެންޓް (2.2 ބިލިއަން ރުފިޔާ) މިހާރު ވަނީ ބޭނުންކޮށް ނިމިފަ އެވެ. މިހާރު ހުރި މަތީ ރޭޓުން ހަރަދު ހިނގަމުންދާނަމަ، ބަޖެޓުގައި ބާކީ އޮތް 620.8 މިލިއަން ރުފިޔާ ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި އެއްކޮށް ހުސްވާނެ އެވެ.
މާލީ ހާލަތަށް ބަލާއިރު އެންމެ ބޮޑު ބިރަކީ ބަޖެޓު ހުސްވުމެއް ނޫނެވެ. އަހަރުގެ ބާކީ އޮތް 33 ހަފުތާ ފޫބެއްދުމަށްޓަކައި ބަޖެޓުން ބޭރުން އެތައް ބިލިއަން ރުފިޔާއެއް އިތުރަށް ހޯދަން ޖެހުމެވެ. މި މަތީ ރޭޓުގައި ކުރިއަށް ގޮސްފިނަމަ، ބާކީ ދުވަސްތަކަށް އިތުރު 5.2 ބިލިއަން ރުފިޔާ ބޭނުންވާނެ އެވެ. އެހެންވެއްޖެނަމަ، މިއަހަރު ސަބްސިޑީއަށް އެކަނި ކުރާ ޖުމްލަ ޚަރަދު 7.4 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ ދިވެހި ތާރީހުގައި ވެސް ރެކޯޑު އަދަދެކެވެ. ހަނގުރާމައިގެ ކުރިން ހުރި ރޭޓަށް ހަރަދުތައް ތިރިވި ނަމަވެސް ބަޖެޓަށްވުރެ އިތުރަށް 2.1 ބިލިއަން ރުފިޔާ ހޯދަން މަޖުބޫރުވާނެ އެވެ.
ދައުލަތުން ދޭ ސަބްސިޑީތަކުގެ ތެރޭގައި ކާޑާއި، ކަރަންޓާއި، ކުނި މެނޭޖުކުރުމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި ބޯހިޔާވަހިކަން ހިމެނޭއިރު، އެންމެ ބޮޑު ހޭދައެއް ހިނގަނީ ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށްދޭ "ފިއުލް ސަބްސިޑީ" އަށެވެ. މިއަހަރުގެ ސަބްސިޑީ ބަޖެޓުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި (1.1 ބިލިއަން ރުފިޔާ) ހާއްސަކުރީ ވެސް ތެލަށެވެ. މީގެ ކުރިން 2022 ވަނަ އަހަރު ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ވެސް ދުނިޔޭގެ ބާޒާރުގެ ލޮޅުމާއެކު ސަބްސިޑީ ހަރަދު ވަނީ އަހަރަކު 1 ބިލިއަނުން 4 ބިލިއަން ރުފިޔާއަށް ބޮއްސުންލައިގެން ގޮސްފަ އެވެ.
ބޮލީވުޑްއާއި ޓޮލީވުޑް ވަކި ކުރަން ރާމް ޗަރަން ބޭނުމެއް ނުވޭ!
"އަސާސީ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ މަހު"
ހިދުމަތުގެ އަގު ވަޒަންކޮށް ރިތޭޝްއަށް ހާއްސަ ޝަރަފެއް!