ހުސް ވަގުތު ކޮޅެއް ލިބިއްޖެ ނަމަ ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން އެއްބަޔަކު އުޅެ އެވެ. އަނެއް ބަޔަކު ފޫހިވެދާނެތީ ދުރާލާ ކަންކަން ރާވާފައި ހުރެ އެވެ. ފޫހިވުމުން ކާބަފައިން ކުރި ގިނަ ކަންތައްތަކުގެ ސަބަބުން އާ އީޖާދުތަކަށް މަގުފަހިވި އެވެ. ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނަ އެވެ. ތަނަވަސްކަން ހޯދި އެވެ. މިއީ ސޯޝަލް މީޑިއާ ނެތް ޒަމާނުގައި ކަން ހިނގާފައިވާ ގޮތެވެ.
ފޫހިވުމުގެ އިދިކޮޅު ސިފަޔަކީ (އާކަންކަން) ހޯދުމެވެ. ފޫހިވުމުން ދުރުހެލިވުމަށް ބައެއް މީހުން ހުއްޓުމެއް ނެތި އާ ކަންކަން ހޯދެ އެވެ. އާ ލަވަތަކާއި އާ ފިލްމްތަކެވެ. އާ ފެޝަންތަކާއި ޗުއްޓީ ހޭދަ ކުރާނެ އާ މަންޒިލް ތަކެވެ.
ފޫހިވަނީ ކީއްވެ؟
ފޫހިވުމަކީ ވެސް އިންސާނީ ތަބީއަތުގައިވާ ސިފައެކެވެ. ސިކުނޑިއަކީ އަބަދުވެސް މައުލޫމާތު ހޯދުމަށް ބޭނުންވާ ގުނަވަނެކެވެ. ކާނާ އާއި، ދިރިއުޅޭނެ ތަނަކާއި، ބަދަލުތަކެވެ. ލިޔުމެއް ކިޔަމުންދާއިރު އެ ލިޔުމުގެ މައިގަނޑު ބޭނުން އަވަހަށް އިނގެން ސިކުނޑި ކެތް މަދުވެ އެވެ. ލަސްވާނަމަ ފޫހިވެ އެވެ. އިވޮލިއުޝަނަރީ ސައިކޮލޮޖިސްޓުން ބުނާގޮތުގައި ފޫހިވުމަކީ ކަންކަން ދިގުލައިގެން ދިޔަ ނުދީ ވަގުތުގެ ފުރިހަމަ ބޭނުން ހިފުމަށް ބުނެދޭ ކަމެކެވެ.
ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ސިކުނޑިން އާ ކަންކަން ބަލާ ހޯދުމަށް އޭރު ވެސް އަދި މިހާރު ވެސް ވިސްނައިދެ އެވެ. އެ ވިސްނުން ހުރެމެ، ސޯޝަލް މީޑިއާއާ ދިމާލަށް ދެވުމަކީ އެ މީހާ އެކަނިވެރިކުރުވާ، ބާކީ ކުރުވާ ކަމެކެވެ. ހިތް ނުތަނަވަސް ކުރުވާ ކަމެކެވެ. މި ބަދަލުތައް އަންނަކަން އަމިއްލައަށް ދެނެގަނެވުމުން، ފޫހިވާ ވަގުތުތަކުގައި ފޫހިކަން ފިލުވާލަމަށް ހަމައެކަނި ފައިދާ ހުރި ކަންކަމުގައި މަސްއޫލުވެލުމަށް ޖާގަ ދެވެ އެވެ.
އާ ކަންކަން ހޯދުމުގެ ޝައުގުވެރިކަން މިޒަމާނުގައި ގެންގޮސްދެނީ ޑިޖިޓަލް ދުނިޔެއަކަށެވެ. ފޫހިވެއްޖެ ނަމަ، އެންމެ ފުރަތަމަ އަތްލެވޭ އެއްޗަކީ ފޯނެވެ. ފޯނުގައި އެތަށް ވަގުތެއް ހޭދަ ކުރެވެނީ މާބޮޑު ފިކުރަކާ ނުލަ އެވެ. ސޯޝަލް މީޑީއާގަ އެވެ. އެހެން މީހުންގެ "ޕާސަނަލް" ދިރިއުޅުމުގެ ޚަބަރުތަކުން ފެށިގެން އެ މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ޚަބަރުތައް ބަލާ މައުލޫމާތު މުއްސަނދި ކުރެވެ އެވެ.
އޭގެ ސަބަބުން ގިނަ އާ އެތައް ވީޑިއޯ ކްލިޕްތަކާއި އާ މައުލޫމާތުތަކެއް ފުނިފުންޏަށް އެ މީހެއްގެ ކުރިމައްޗަށް އޮއްސާލެވެ އެވެ. އިންސާނާގެ ހިތަކީ ދުވަހަކު ވެސް ފުރޭ އެއްޗެއް ނޫންކަމުން އުފާވެރިކަން ހޯދުމަށް ފަހަރަކު ވީޑިއޯއެއް ބެލެ އެވެ. ތިމާގެ ހަޔާތާއި އެއްވެސް ގުޅުމެއް ނެތް ބައެއްގެ މައުލޫމާތު ހޯދާ އެއްކުރެވެ އެވެ.
ސައިކޮލޮޖިސްޓުން ވިދާޅުވާ ގޮތުގައި އޭގެ ސަބަބުން ހިތްހަމަޖެހުމުގެ ބަދަލުގައި ސްޓްސް، އެންޒައިޓީ އަދި ޑިޕްރެޝަން އަށް މަގުފަހިވެ އެވެ. އަދި މީހާގެ ވިސްނުން ތަރައްގީވުމުން ދުރުކޮށްދެ އެވެ.
ފޫހިވުމުގެ ފައިދާ ނެގުމަށް ކުރެވިދާނެ ކަމެއް
ފޫހިވުމުން ސޯޝަލް މީޑިއާއާއި ދިމާލަށް ދިއުމުގެ ބަދަލުގައި މީހަކާ ބައްދަލުވެލައި ވާހަކަ ދައްކާލުމަށް ނުވަތަ ފޮތެއް ކިޔާލުމަށް ސައިކޮލޮޖިސްޓުން ލަފާދެއްވަ އެވެ. ސިކުނޑި ހަރަކާތްތެރިކޮށް ބެހެއްޓުމަށްޓަކައި މީރުވަސް ދުވާ އެއްޗެހިން ވަސް ބެލުމާއި، ވަޒީފާއަށް ދިއުމަށް އެކި ދުވަހު އެކި މަގު ޚިޔާރުކުރުމާއި، އަދި އާ ރައްޓެހިން ހޯދުމަކީ ސިކުނޑިއަށް ލިބިފައިވާ މާޔޫސްކަމުގެ ފަރުވާ އެވެ.
ފޫހިވުމުން އާކަމެއް ކޮށްލައި ހުނަރުވެރިވާން ސިކުނޑި ބުނެދޭއިރު، އެއަށް އިޖާބަ ދިނުމަކީ މުހިންމު ކަމެކެވެ. އެހެނީ މޮޅު އީޖާދުތައް އުފަންކުރެވިފައި ހުރީ ހުނަރުވެރި ދެއަތުގެ މަސައްކަތުން ކަމަށް ވީތީ އެވެ.