މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބު, ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ލިބިއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރި އިންތިހާއަށް ގަދަވެގެންދިޔަ މި އިންތިޚާބުގައި ރައީސް ނަޝީދު ވަނީ ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މައްޗަށް މުޅި ރާއްޖޭގައި ބޮޑު ކުރިއެރުމެއް ހޯއްދަވާފަ އެވެ. މި އަހަރުގެ އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުން ވޯޓުލީ މި އިންތިޚާބުގައި، ސައްހަ 30,363 ވޯޓުގެ ތެރެއިން ޖުމްލަ 20,943 ވޯޓު ކަށަވަރުކުރެއްވީ ނަޝީދެވެ.
މި އިންތިޚާބުގައި ރާއްޖޭގެ ބޮޑު ބަޔަކުން ރައީސް ނަޝީދު ވަނީ 50 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯއްދަވާފަ އެވެ. އެގޮތުން އެމަނިކުފާނަށް އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަތީ ހައްދުންމައްޗާއި ހުވަދުއަތޮޅުންނެވެ. އެގޮތުން ނަޝީދަށް ބައެއް އަތޮޅުތަކުން ލިބިވަޑައިގެން ނަތީޖާއަކީ:
- ލ. އަތޮޅު - %86.5
- ގދ. އަތޮޅު - %83.5
- ތ. އަތޮޅު - %83.1
- ފ. އަތޮޅު - %79.6
- އދ. އަތޮޅު - %79.1
- ފުވައްމުލަކު ސިޓީ - %78.9
- މާލެ ސިޓީ - %70.3
- އައްޑޫ ސިޓީ - %67.2
- ޅ. އަތޮޅު (އެންމެ ދަށް) - %43.3
- ރާއްޖޭން ބޭރުގެ ފޮށިތައް - %77.1
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މީކާއީލް ތަމްސީލުކުރައްވާ ގަލޮޅު ދެކުނު ދާއިރާއިން ވެސް ރައީސް ނަޝީދު ކުރި ހޯއްދެވި އެވެ. އެގޮތުން ގަލޮޅު ދެކުނު - 1 ފޮށިން ރައީސް ނަޝީދަށް 166 ވޯޓު ލިބިވަޑައިގަތްއިރު، މީކާއީލަށް ލިބިވަޑައިގަތީ 119 ވޯޓެވެ. ގަލޮޅު އުތުރު - 1 ފޮށިން ރައީސް ނަޝީދު ވަނީ 195 ވޯޓު ހޯއްދަވާފައެވެ. މީކާއީލަށް ލިބުނީ އެންމެ 51 ވޯޓެވެ.
މި އިންތިޚާބަކީ ކުރިން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިޚާބެކެވެ. ސިޔާސީ ގޮތުން ބަލާއިރު، މިއީ އެމްޑީޕީގެ އެތެރޭގެ ދެ ފިކުރެއްގެ ދެމެދުގައި ހިނގި ބޮޑު ކުރިމަތިލުމެކެވެ. މަގާމުން ވަކިވެވަޑައިގަތް ފައްޔާޒު އިސްމާއީލް ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އަނެއްކޮޅުން، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މީކާއީލް އިންތިޚާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި ބާރާއެކުގަ އެވެ. ނަމަވެސް ޕާޓީގެ އާންމު މެންބަރުން މިވަނީ ބޮޑު އަގުލަބިއްޔަތަކުން ޕާޓީގެ ހިންގުން ރައީސް ނަޝީދާ ހަވާލުކުރަން ނިންމާފަ އެވެ.
ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއަށް ރަނގަޅު ފެށުމެއް
"އޮބްސެޝަން"ގެ ޑިޖިޓަލް ރިލީޒް އޮތީ ކޮން އިރަކު؟