ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ސުޕަހިޓް ފިލްމު "ގަދަރް: އޭކް ޕްރޭމް ކަތާ" ރިލީޒް ކުރިތާ 25 އަހަރު ފުރުން ފާހަގަ ކުރަމުން، އެ ފިލްމުގެ ޑައިރެކްޓަރު އަނިލް ޝަރުމާ ފިލްމުގެ ކާމިޔާބީގެ ހަނދާންތަކާއި، ކުރިއަށް އޮތް "ގަދަރް 3" އާ ބެހޭގޮތުން އާ ވާހަކަތަކެއް ހިއްސާ ކޮށްފި އެވެ.

އަނިލް ޝަރުމާ ބުނި ގޮތުގައި 2001 ވަނަ އަހަރުގެ ޖޫން 15 ގައި ރިލީޒްކުރި އެ ފިލްމަކީ އޭނާގެ ހިތާ ވަރަށް ގާތް، އަދި އިންޑިއާގެ ސިނަމާގެ ތާރީހު ބަދަލު ކޮށްލި ފިލްމެކެވެ.

ފިލްމަށް 25 އަހަރު ފުރުމާ ގުޅިގެން ވާހަކަ ދައްކަމުން އަނިލް ފާހަގަކުރީ އެ ދުވަސްވަރު ފިލްމުތައް ކާމިޔާބުވަނީ މިހާރު ފެންނަ ކަހަލަ ބޮޑެތި މާކެޓިންގް އުކުޅުތަކާއި ސޯޝަލް މީޑިއާގެ ހައިޕްގެ ސަބަބުން ނޫން ކަމަށެވެ.

"މިހާރު އެންމެން މި ވާހަކަ ދައްކަނީ އެ ދުވަސްވަރު އާމިރު ޚާންގެ 'ލަގާން' އާއި 'ގަދަރް'ގެ މެދުގައި އޮތް ބޮޑު ކުރިމަތިލުމުގެ ވާހަކަ. އެކަމަކު އަހަރެން ބުނާނީ އޭރު އެއްވެސް ވާދަވެރިކަމެއް ނެތޭ! އެއީ މާކެޓިންގެ ދައުރެއް ނޫން، އެއީ ހިތާއި ހިތުގެ ގުޅުމެއް" އަނިލް ބުންޏެވެ.

އެގޮތުން ސިނަމާއަށްދާ ބެލުންތެރިން އެއް ޝޯއިން 'ލަގާން' ބަލާފައި، ވިދިގެން އޮންނަ ޝޯއިން 'ގަދަރް' ބަލަމުންދިޔައީ ހިތުގައި ދީފައިވާ ލޯތްބެއްގެ ސަބަބުން ކަމަށް އަނިލް ފާހަގަކުރި އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، ފިލްމުގެ ލިޔުންތެރިޔާ ޝަކްތިމާން ތަލްވާރު އެންމެ ފުރަތަމަ ވާހަކަ ކިޔައިދިން ދުވަހުވެސް، މިއީ އިންޑިއާގެ ސިނަމާގައި އުފެދޭނެ އެންމެ ބޮޑު ހިޓަށް ވުމުގެ ގާބިލުކަން ހުރި ފިލްމެއްކަން އޭނާއަށް އެނގުނެވެ. މި ފިލްމު ސިނަމާތަކުގައި 10 ކްރޯޑަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، މިއީ މިއަދާ ހަމައަށްވެސް އެހެން އެއްވެސް ފިލްމަކަށް މުގުރާނުލެވޭ ރެކޯޑެކެވެ.

2023 ގައި ރިލީޒްކުރި އެ ފިލްމުގެ ބްލޮކްބަސްޓާ ސީކުއަލް "ގަދަރް 2" އަކަށްވެސް މި އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށްވެސް ބެލުންތެރިން ސިނަމާއަށް ނުގެނެވުނެވެ.

ކު"ގަދަަރް 2" އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، ފޭނުން އެންމެ އިންތިޒާރު ކުރަމުންދަނީ ތިންވަނަ ބަޔަށެވެ. މިކަމާ ގުޅޭގޮތުން އަނިލް ޝަރުމާ ވަނީ ވަރަށް އުފާވެރި ހަބަރެއް ދީފަ އެވެ.

އެގޮތުން އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި 2027 ވަނަ އަހަރު ޝޫޓިންގެ މަސައްކަތް ފެށޭ ވަރު ވާނެ ކަމަށް އަނިލް ބުންޏެވެ.