ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާގެ ހަނދާނުގައި ވަރަށް އަސަރުގަދަ ޓްރިބިއުޓެއް ދިނުމަށް ނިންމައިފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތަކަށް ޕޯޗުގަލްގެ ކުޅުންތެރިން ނިކުންނާނީ، ޖޮޓާގެ ހަނދާނުގައި ތައްޔާރު ކޮށްފައިވާ ހާއްސަ ބޭންޑެއް ނުވަަތަ "ކޮމެމޮރޭޓިވް ބްރޭސްލެޓް"އެއް އަޅައިގެންނެވެ.

ލިވަޕޫލާއި ޕޯޗުގަލްގެ ގައުމީ ޓީމަށްމޮޅު ކުޅުމެއް ދައްކަމުން އައި އުމުރުން 28 އަހަރުގެ ޑިއޯގޯ ޖޮޓާ، އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރުގައި ވަނީ ކުއްލި ގޮތަކަށް މަރުވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ ފަތިހު ސްޕެއިންގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އޭނާގެ ކޮއްކޮއާއެކު މަރުވުމަކީ މުޅި ފުޓްބޯޅަ އާއިލާއަށް ލިބުނު ފުން ހިތާމަ އެކެވެ. ޖޮޓާ ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީ 14 ގޯލު ޖަހައިދީފަ އެވެ.

މި ހާއްސަ ބޭންޑްތަކަކީ ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ޓީމުގެ ކުޅުންތެރިންނަށް ހަދިޔާ ކުރެއްވި އެއްޗެކެވެ.

މި ބޭންޑްތައް ފަރުމާ ކޮށްފައިވަނީ ފީފާގެ ގަވާއިދުތަކަށް ފެތޭ ގޮތަށް، މެޗުގެ ތެރޭގައި ވެސް އަޅައިގެން ކުޅެވޭނެ މަޑު މެޓީރިއަލް އަކުންނެވެ. އެއިން ކޮންމެ ބޭންޑެއްގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ނަމުގެ އިތުރުން ޑިއޯގޯ ޖޮޓާގެ ނަން ހާއްސަ ގޮތަކަށް ވަނީ ހިމަނާފަ އެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، ބޮޑުވަޒީރު މި ބޭންޑް ދެއްވުމަށްފަހު އެ އަޅާނެތޯ ނުވަތަ ނޫންތޯ ނިންމުން ކުޅުންތެރިންނަށް ދޫކޮށްލެއްވި ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް (ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭހެން) ބޭނުންވީ އެމީހުންގެ އެކުވެރިޔާގެ ހަނދާނުގައި މެޗުތަކުގައި އެ ބޭންޑް އަޅާށެވެ.

މީގެ އިތުރުން ވެސް ޕޯޗުގަލްއިން ވަނީ ވޯލްޑް ކަޕަށް ނެރުނު އެމީހުންގެ ރަސްމީ ސްކޮޑުގައި ވެސް ޖޮޓާގެ ނަން ރަމްޒީ ގޮތެއްގައި ހިމަނާފަ އެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި ޑީއާރު ކޮންގޯއާ ދެކޮޅަށް މިރޭ ނިކުންނައިރު މި ބްރޭސްލެޓް ވެގެންދާނީ އެމީހުންގެ ހިތްތަކުގައި ޖޮޓާއަށް އޮތް ލޯތްބާއި، އޭނާއަށްޓަކައި މުބާރާތް ކާމިޔާބު ކުރުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަށެވެ.