'އަކުއަމޭން' އަދި 'ގޭމް އޮފް ތުރޯންސް' ފަދަ މަޝްހޫރު ފިލްމުތަކާއި ސީރީޒްތަކުން ފެނިގެން ގޮސްފައިވާ ހޮލީވުޑްގެ ވަރުގަދަ ތަރި ޖޭސަން މޮމޯއާ ބޮލީވުޑްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އިންޑިއާގެ މާޝަލް އާޓިސްޓް އަދި އެކްޓަރު ވިދުޔުތު ޖަމްވަލްގެ ހުނަރާއި ސިފަޔަށް ތައުރީފު ކުރަމުން "ޒޫމް" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖޭސަން ބުނީ ވިދުޔުތު އަކީ އޭނާގެ ހަޔާތުގައިވެސް ފެނުނު އެންމެ ރީތި، އަދި އެންމެ ހުނަރުވެރި އެއް ފަންނާނު ކަމަށެވެ.
އެއާއެކު ބޮލީވުޑްގެ މަސައްކަތެއް ހޯދުމަށްޓަކައި ވިދްޔުތުގެ އެހީ އޭނާއަށް ބޭނުންވާ ކަމަށާއި އެކަމަށް މަގު ދައްކައިދޭން ޖެހޭ ކަމަށް ސަމާސާ ރާގަކަށް ޖޭސަން ބުންޏެވެ.
"އޭނާ އަކީ އަހަރެން ދިރިއުޅުމުގައިވެސް ދުށް އެންމެ ރީތި ސިފައެއް ހުރި އެއް ފިރިހެނާ. އޭނާގެ ހުނަރަކީ ގަބޫލުކުރަންވެސް ދަތި ފެންވަރެއްގެ މޮޅު ހުނަރެއް. އޭނާ އަހަންނަށް ބޮލީވުޑުން ވަޒީފާއެއް ހޯދައިދޭން އެބަޖެހޭ. އަހަރެމެން ދެމީހުން އެކުގައި އިންޑިއާ ފިލްމެއް ކުޅެފިއްޔާ ވަރަށް މަޖާވާނެ. އަހަރެން މިހުރީ އިންޑިއާއަށް ދާނެ ދުވަހެއްގެ އިންތިޒާރުގައި،" ޖޭސަން ބުންޏެވެ.
މި ދެ ތަރިން އެކުގައި ފެނިގެންދާ "ސްޓްރީޓް ފައިޓާ" ފިލްމަކީ މަޝްހޫރު ވީޑިއޯ ގޭމް ސީރީޒްގެ މައްޗަށް ބިނާކޮށް އުފައްދާ ބޮޑު އެކްޝަން ފިލްމެކެވެ. މިއީ ވިދުޔުތު ޖަމްވަލް ހޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމެވެ.
މި ފިލްމުގައި ވިދުޔުތު ފެންނާނީ ގޭމްގެ މަގުބޫލު ކެރެކްޓާއެއް ކަމަށްވާ "ދަލްސިމް"ގެ ރޯލުންނެވެ. ފިލްމުގެ ޓީޒާ އަދި ޓްރެއިލާ ނުކުތްއިރު ވިދުޔުތުގެ ސިފަޔަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ބޯބާލާފައި، ނިތްކުރީގައި ރަތްކުލައިގެ ރޮނގުތަކެއް ދަމާފައި ހުރިއިރު، އޭނާ ފެންނަނީ މުޅިން އައު، ބިރުވެރި އަދި ރޫހާނީ 'ޔޯގާ މާސްޓަރެއް' ގެ ސިފައިގަ އެވެ.
ޓާއޯ ސަކުރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި އާ ސެންޓިނެއޯ، ރޯމަން ރެއިންސް، ކޯޑީ ރޯޑްސް އަދި ރެޕް ލަވަކިޔުންތެރިޔާ 50 ސެންޓް ހިމެނެ އެވެ. 1993 ވަނަ އަހަރުގެ މާހައުލެއް ސިފަކޮށްދޭ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 16, 2026 ގަ އެވެ.
ފިލްމުގެ އެކްޝަން މަންޒަރުތައް ހަގީގީ ގޮތެއްގައި ދެއްކުމަށްޓަކައި ވިދުޔުތުގެ މާޝަލް އާޓްސް ހުނަރުތައް މި ފިލްމުގައި ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ކެނެޑާއަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު
މޮޑެލް އީމާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!
ވަރުބަލިވުމުން ތެދު ހަދަން ފަސޭހަ!