2009 ވަނަ އަހަރު ރިލީޒްކުރި "3 އިޑިއަޓްސް"އަކީ މިއަދާ ހަމައަށް ދިވެހިންގެ ތެރޭގަ އިވެސް އެންމެ މަގުބޫލު އެއް ހިންދީ ފިލްމެވެ.

އާމިރު ހާން (ރަންޗޯ)، އާރް މާދަވަން (ފަރުހާން) އަދި ޝަރްމާން ޖޯޝީ (ރާޖޫ)ގެ އެކުވެރިކަމާއި ކިޔެވުމުގެ ދުވަސްވަރު ދައްކުވައިދިން މި ފިލްމުގެ ސީކުއެލްއެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭކަމަށް ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވަނީ ހާމަކޮށްފަ އެވެ.

މި ފިލްމުގެ ދެވަނަ ބައެއް ހަދާނަމަ ދެން ފެންނާނީ ކޮން ކަމެއްތޯ މީޑިއާއިން ސުވާލު ކުރުމުން ހިރާނީ ބުނީ، މި ކެރެކްޓާތައް ދެން ކުރިމަތިލާންޖެހޭނީ އުމުރުގެ މެދުތެރެއަށް ދިއުމުން ދިމާވާ މައްސަލަތަކާ ނުވަތަ "މިޑް-ލައިފް ކްރައިސިސް"އާ ކަމަށެވެ.

"އަހަރެމެން މިހާރު ވިސްނަމުން މިދަނީ އެމީހުންގެ ދިރިއުޅުމުގެ ދެން އޮތް މަރުހަލާއަށް. އުމުރުން 40 ނުވަތަ 50 އަހަރުވުމުން ދިމާވާ އާއިލީ، ވަޒީފާގެ އަދި ނަފްސާނީ ހާސްކަން ނުވަތަ 'މިޑް-ލައިފް ކްރައިސިސް' ގެ ތެރޭގައި ރަންޗޯ، ފަރުހާން އަދި ރާޖޫ އުޅޭނެ ގޮތް ދައްކައިދިނުން އެއީ ވަރަށް މަޖާ އަދި ޝައުގުވެރި ކަމަކަށް ވާނެ،" ހިރާނީ ބުންޏެވެ.

ފުރަތަމަ ފިލްމުގައި ދެއްކީ ކިޔަވާ ކުދިންނަށް ކުރިމަތިވާ މާހައުލުގެ ބާރާއި، މައިންބަފައިންގެ އުންމީދުތަކުގެ ސަބަބުން ލިބޭ ހާސްކަމެވެ. އަދި އޭގެ ހައްލެއްގެ ގޮތުގައި އެ މީހުން ބޭނުންކުރި "All Izz Well" (ހުރިހާ ކަމެއްވެސް ރަނގަޅުވާނެ) މި ޖުމްލަ މުޅި ދުނިޔޭގައި މަޝްހޫރުވި އެވެ.

ނަމަވެސް ހިރާނީ ފާހަގަކުރި ގޮތުގައި އުމުރުން ދުވަސްވުމުން ދިރިއުޅުމުގެ ގޮންޖެހުންތައް ތަފާތުވާނެ އެވެ. ބޯބޭލުމާއި، ބަނޑުލުމާއި، ކައިވެނީގެ މައްސަލަތަކާއި، އަދި ދަރިން ބޮޑެތި ވުމުން ދިމާވާ ކަންކަމުގެ ތެރެއިންވެސް މި ތިން އެކުވެރިން ހިތްވަރުލާފައި "އިޑިއަޓުން" ގެ ގޮތުގައި އުޅޭ މަންޒަރު ފެނުމަކީ ބެލުންތެރިން ބޭނުންވާނެ ގޮތް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ސީކުއެލްގެ ވާހަކަ ދެކެވުނު ނަމަވެސް، ފިލްމުގެ ސްކްރިޕްޓް އެއްކޮށް އަދި ފައިނަލް ނުވާ ކަމަށް ހިރާނީ ބުންޏެވެ. އޭނާ ބުނީ "3 އިޑިއަޓްސް" ކަހަލަ ބޮޑު ފިލްމެއްގެ ދެވަނަ ބައެއް ހަދާއިރު ފުރަތަމަ ފިލްމަށްވުރެ މޮޅުވާން ޖެހޭނެ ކަމަށާއި އެ ފެންވަރުގެ ސްކްރިޕްޓެއް ލިބުނު ދުވަހަކުން ފިލްމުގެ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ.

މީގެ ކުރިން އާމިރު، މާދަވަން އަދި ޝަރްމާން އެކުގައި ކުޅުނު އިޝްތިހާރަކާ ގުޅިގެންވެސް މި ފިލްމުގެ ދެވަނަ ބައެއް އަންނަނީތޯ ފޭނުންގެ މެދުގައި ބޮޑު ބަހުސެއް ހިނގާފައިވެ އެވެ. ޑައިރެކްޓަރުގެ މި ވާހަކަތަކާއެކު ފޭނުންގެ އުންމީދުތައް މިވަނީ އަނެއްކާވެސް އާވެފަ އެވެ.