ކަނޑުމަހުން ލިއްބައިދޭ މުހިއްމު މާއްދާއެއް ކަމަށްވާ އޮމެގާ 3އަކީ އިންސާނާގެ ހަނދާން ގަދަ ކޮށްދިނުމަށް އެހީވެދޭ މާއްދާއެއް ކަމަށް ގަބޫލު ކުރެވިފައި އޮވެ އެވެ.
އެހެން ނަމަވެސް ދާދި ފަހުން ހެދި ދިރާސާއަކުން މި ވަނީ އެއީ އެއްވެސް އަސާސެއް ނެތް ކުށްހީއެއް ކަން ސައިންޓިފިކް ހެކިތަކާއެކު ސާބިތު ކޮށްދީފަ އެވެ.
ހަނދާން ގަދަ ކުރަން އޮމެގާ 3 އެހީ ނުވި ނަމަވެސް، ހިތުގެ ދުޅަހެޔޮކަމަށް މިއީ އަދިވެސް މުހިންމު މާއްދާ އެކެވެ. އަދި ސިއްހީ މާހިރުން މިހާރު ލަފާދެނީ މަހުގެ ތެލުގެ ބަދަލުގައި، ސީދާ ފެހިން (އަލްގޭ) އުފައްދާ ތެޔޮ ބޭނުން ކުރުމަށެވެ.
ހަނދާން ގަދަ ކޮށްދިނުމާ އޮމެގާ-3 އާ ގުޅުމެއް ނެތް!
ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ހަނދާން ގަދަ ކުރުމަށް މަހުގެ ތެޔޮ ބުއިމަކީ ދިވެހިންގެ ތެރޭގައި ވެސް އޮންނަ އާދައެކެވެ. ނަމަވެސް، ފަހުގެ ބޮޑެތި ކްލިނިކަލް ދިރާސާތަކުން ދައްކާ ގޮތުގައި އޮމެގާ-3 ސަޕްލިމެންޓްސް ބޭނުންކު ރުމުން ހަނދާން ނެތުމުގެ މައްސަލައަށް ނުވަތަ ސިކުނޑީގެ ވިސްނުމުގެ ބާރަށް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އެހެންކަމުން، ހަމައެކަނި "ހަނދާން ގަދަ ކުރަން" މަހުގެ ތެޔޮ ބުއިމަކީ ބޭކާރު ކަމެކެވެ.
މަހުގެ ތެލުގެ ބަދަލުގައި ފެހީގެ ތެޔޮ (އަލްގޭ) ބޭނުންކުރަންވީ ކީއްވެ؟
އޮމެގާ-3 އަކީ ހިތުގެ ލޭ ދައުރު ވުމަށާއި ލޭގެ ޕްރެޝަރު ދަށް ކުރުމަށް އަދި ހަށިގަނޑުގެ ދުޅަވުން ކުޑަ ކުރަން ބޭނުންތެރި އެއްޗެކެވެ. މި ފައިދާތައް ހޯދުމަށް މަހުގެ ތެލަށްވުރެ ފެހިން ނަގާ ތެޔޮ މާ ސާފުވެފައި ރަނގަޅެވެ.
ސީދާ އަސްލަށް ދިއުން: މަސްތަކަށްވެސް އޮމެގާ-3 ލިބެނީ ކަނޑުގެ އަޑީގައި ހުންނަ މައިކްރޯ-އެލްގޭ (ކުދި ފެހި) ކެއުމުންނެވެ. ވުމާއެކު، ސީދާ ފެހިން ތެޔޮ ނެގުމަކީ އޭގެ އަސްލާ ހަމައަށް ދިއުމެވެ.
ވިހަ މާއްދާތަކުން ސަލާމަތްވުން: ކަނޑުތައް ތަގައްޔަރު ވުމުގެ ސަބަބުން މަސްތަކުގެ ހަށިގަނޑުގައި 'މާކަރީ' ހުރެ އެވެ. ނަމަވެސް އެލްގޭ ހައްދަނީ ލެބޯޓްރީތަކުގައި ވަރަށް ސާފު ފެނުގައި ކަމަށްވުމުން، އެއިން ނަގާ ތެލަކީ އެ މާއްދާއިން ސާފުވެގެންވާ އެއްޗެކެވެ.
ބަނޑަށް ފަސޭހަވުމާއި ތިމާވެށީގެ ފައިދާ
މަހުގެ ތެޔޮ ބުއިމުން ދިމާވާ މަހުގެ ރަހައާއެކު ވައި ލެވުން ނުވަތަ ބަނޑަށް އުނދަގޫ ވުމުގެ މައްސަލަ ފެހީގެ ތެލުން ދިމައެއް ނުވެ އެވެ.
މީގެ އިތުރުން، މަހުގެ ތެޔޮ ހެދުމަށްޓަކައި ކޮންމެ އަހަރަކު އެތައް ބިލިއަން ކުދި މަހެއް ބޭނުން ކުރަން ޖެހޭއިރު، ފެހި ބޭނުން ކުރުމަކީ ކަނޑުގެ ދިރުންތަކަށް ލިބޭ ބޮޑު ލުޔެކެވެ. މިއީ ވެޖިޓޭރިއަން ނުވަތަ ވީގަން މީހުންނަށްވެސް ބޭނުން ކުރެވޭނެ އެންމެ ފުރިހަމަ ސަޕްލިމެންޓެވެ.
އޮމެގާ-3 އަކީ ހިތުގެ ދުޅަހެޔޮ ކަމަށް ރަނގަޅު މާއްދާއެއް ނަމަވެސް، މިއީ ހަނދާން ގަދަ ކޮށްދޭ "ޖާދޫގެ ބޭހެއް" ނޫނެވެ. ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބެލިޔަސް، މަހުގެ ތެލަށްވުރެ ފެހިން އުފައްދާ އޮމެގާ-3 މާ މޮޅެވެ.
ގަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓް ޓްރަމްޕް ދައްކާލައިފި
ސްކޭމްގެ މައްސަލަތަކުގައި މިހާތަނަށް 33 މިލިއަން ގެއްލުނު