ވަގުތު ހުސްކޮށްގެން ކަސްރަތު ކުރުމަކީ އެކަމަށް ހޭލުންތެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް މިއަދު ވެސް ގިނަ ބަޔަކަށް ބުރަ އަދި އުނދަގޫ ކަމެކެވެ. އެކަމަށް ބޭނުންވާ ހިތްވަރު ނެރުމަށް އިތުރު މީހެއްގެ ބޭނުން ވުމުން ފިޓްނަސް އިންސްޓްރަކްޓަރެއްގެ އެހީ ގިނަ މީހުން ހޯދަ އެވެ. މިއީ ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ޒުވާން އަދި ތަޖުރިބާކާރު ފިޓްނަސް ކޯޗެކެވެ.
ގ. ޓޫސަން، މުހައްމަދު އައިހަމް ފިރާޒް (އައިހަމް) ފުރަތަމަ ޖިމަކަށް ދިޔައީ ބައްޕާއެކު ކަސްރަތު ކޮށްލުމަށެވެ. ޖިމެއްގެ ފުރަތަމަ ތަޖުރިބާ އޭނާއަށް ވަރަށް ކަމުދިޔަ އެވެ. އެދުވަހުގެ ފަހުން ބައްޕައާއެކީ އޭނާ ގަވައިދުން ޖިމަށް ދެ އެވެ.
އޭނާގެ ބައްޕައަކީ ގަވައިދުން ކަސްރަތު ކުރުމަށް ޖިމް ބޭނުންކުރާ މީހެކެވެ. އަމިއްލައަށް ރިސާޗް ހަދައިގެން "ވާކްއައުޓް" ދަސްކޮށްގެން ކަސްރަތު ކުރިއަށް ގެންދާތަން އައިހަމްއަށް ވަރަށް ގާތުން އޭރު ފެނިފައިވެ އެވެ. ފިޓްނަސްގެ ދާއިރާއަށް ޝައުގުވެރިވެ އެ ދާއިރާއިން ކުރިއަށް ދިއުމަށް ނިންމީ ބައްޕަ ނަމޫނާއަކަށް ބަލައިގެންނެވެ.
"އަޅުގަނޑުގެ އިންސްޕިރޭޝަނަކީ އަޅުގަނޑުގެ ބައްޕަ. ބައްޕައާއެކު ޖިމްއަށް ގޮސް އެކަމަށް ޝައުގުވެރިވެ ބައްޕަ ކައިރީ ބުނިން މިދާއިރާއިން ކުރިއަށްދާން ބޭނުން ކަމާއި، އަމިއްލަ ޖިމެއް ހުޅުވަން ބޭނުން ކަމަށް. އެއެދުމަށް ބައްޕަ ވަރަށް ތާއީދު ކުރި. ބައްޕަ ބުނި ކުރަން ބޭނުންކަމެއް ކުރާށޭ. ހިތްވަރެއް ހުރިއްޔާ ވާނެޔޭ،" ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާޑިގްރީ ފުރިހަމަ ކޮށްފައިވާ އައިހަމް ކިޔައިދިނެވެ.
އައިހަމްގެ ފޯކަސް އަކަށް އޭރުވީ ޖިމްގެ މަސައްކަތުގައި ވިހާ ވެސް ގިނަ ތަޖުރިބާ ހޯދުމެވެ. އެކަމަށްޓަކައި އޭނާ ރާއްޖޭގެ ނަން މަޝްހޫރު ޖިމްތަކެއްގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ހާސިލް ކުރި އެވެ.
ފިޓްނަސް ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ގިނަ ޓްރޭނިން ޕްރޮގްރާމްތަކެއްގައި ވެސް އޭނާ ބައިވެރިވި އެވެ. އެގޮތުން މެލޭޝިއާ، ސިންގަޕޫރު، ބެންކޮކް، އެމެރިކާ، ޗައިނާއިންނާއި އަދި ރާއްޖެއިން ދާއިރާއާ ބޭހޭ ތަފާތު ކޯސްތައް ފުރިހަމަ ކުރި އެވެ. ކިޔެވި ބައިތަކުގެ ތެރޭގައި ނިއުޓްރިޝަން، ފިޓްނަސް، ސްޓްރެންތް އެންޑް ކޮންޑިޝަނިން، ފިޒިއޯތެރަޕީ، އަދި އެކްސަސައިޒް ސައިކޮލޮޖީ ހިމެނެ އެވެ.
މިއަދު އޭނާއަކީ އޭނާއަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި މާލޭގައި ވަރަށް ކާމިޔާބުކަމާ އެކީ "އެޕެކްސް ފިޓްނަސް"ގެ ނަމުގައި އަމިއްލަ ޖިމެއް ހިންގާ ޒުވާނެކެވެ.
"އެޕެކްސް ފިޓްނަސް ޖިމްގެ ހިދުމަތް ދޭތާ މިވީ ފަސް އަހަރު. މިތަނުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި އުޅޭނީ އަޅުގަނޑުގެ އާއިލާ. ބައްޕައަކީ ވެސް ޓްރޭނަރެއް. ކޮއްކޮ ވެސް އަދި އަޅުގަނޑުގެ އަންހެނުން ވެސް ހިމެނޭ ޖިމް އިންސްޓްރަކްޓާސް ޓީމްގައި. ފަތިހު ފަހަކުން ރޭގަނޑު ނުވައެއް ޖަހަންދެން ޖިމް ހުންނާނީ ހުޅުވިފައި. ފަތިހު ފަހެއް ޖަހާއިރު ޖިމް ހުޅުވަނީ އަޅުގަނޑު. ޖިމަށް ބާރުބޮޑުވާ ހުރިހާ ވަގުތުތަކެއްގައި އަޅުގަނޑު ޖިމްގައި އުޅެން،" އައިހަމް ބުންޏެވެ.
އައިހަމްގެ އެޕެކްސް ފިޓްނަސް ޖިމްއަކީ ދެ ޖިންސަށް ވެސް އަދި ހުރިހާ އުމުރަކަށް ވެސް "ކޭޓާ" ކޮށްދެވޭ ޖިމްއެއްކަން އޭނާ އުފަލާއެކު ފާހަގަ ކުރި އެވެ. އެންމެ ނުވަ އަހަރުގެ ކުޑަކުދިންއިން ފެށިގެން އުމުން 70 އާއި 80 އަހަރުގެ ކްލައަންޓުން ވެސް އޭނާގެ ޖިމްއަށް ގަވައިދުން ކަސްރަތު ކުރުމަށްދެ އެވެ.
އޭނާގެ ޖިމާ ބެހޭ ހުރިހާ މައުލޫމާތެއް ޓިކްޓޮކް، ފޭސްބުކް، އަދި އިންސްޓަގްރާމްގެ އެޕެކްސް ފިޓްނަސް ޕޭޖުންނާއި އަދި އައިހަމް ފިރާޒް ޕޭޖުން އެހުރީ ފެންނާށެވެ.
އެކި ކޯޗުން އެކި ޕްރޮގްރާމްތަކާ ހަވާލުވެފައި ވާއިރު، އައިހަމް ހިންގާ ޕްރޮގްރާމްގެ ތަފްސީލެއް ވެސް އޭނާ ހިއްސާކޮށްލި އެވެ.
"އަޅުގަނޑުގެ ޕްރޮގްރާމަކީ ކްލައަންޓްގެ ބޭނުމަށް ބަލާ ބައްޓަން ކުރެވިފައި ހުންނަ ތަފާތު ޕްރޮގްރާމެއް. އެއީ އެކި ކްލައަންޓުންގެ ބޭނުން ތަފާތު ވީމަ. އެކި މީހުން ޖިމްއަށް މިއަންނަނީ އެކި ސަބަބުތަކާ ހުރެ. ބައެއް ކްލައަންޓުން ފެޓް ލޫސް ކުރަން ބޭނުންވާއިރު އަނެއްބައި ކްލައަންޓުން އެބަ ބޭނުންވޭ މަސްލް ގެއިން ކުރަން. ފިޒިއޯތެރަޕީއަށާއި، ޖެނެރަލް ފިޓްނަސްއަށް ވެސް ބައެއް ކްލަންޓުން އެބަ އާދޭ،" އައިހަމް ބުންޏެވެ.
އޭނާއަށް ދިވެހި މުޖްތަމައިން ފާހަގަ ކޮށްލެވޭ ވަރަށް ސީރިއަސް އަދި އަޅާނުލެވޭ މައްސަލައެއް ވެސް ފާހަގަ ކޮށްލި އެވެ. އެއީ ދިވެހިންގެ ލައިފްސްޓައިލާ ހުރެ ސިއްހަތަށް އަޅާނުލެވޭ ކަމެވެ. ވަޒީފާގެ ބުރަކަމާއި ގުޅިގެން ކަސްރަތަށް ވަގުތު ނުދެވުމެވެ. އެންމެ ކުޑަމިނުން ހިނގާ ވެސް ނުލެވޭ ކަމެވެ.
އެކަމަކީ ސައިކަލަށް ހުރިހާ ކަސްރަތެއް ދިނުން ކަމުގައި އޭނާ ސިފަކުރި އެވެ. ކޮންމެ ބޭނުންމެއްގައި ކްލައަންޓަކު އޭނާގެ ކައިރިން ސެޝަން ނަގަން އައި ކަމަށްވި ނަމަވެސް، އޭނާގެ ޓާގެޓަކީ އެ މީހަކު ހާސިލް ކުރަން އެ ބޭނުންވާ ލަނޑުދަނޑިއާ ހަމައަށް ގެންގޮސް ދިނުމެވެ.
އައިހަމް ފާހަގަ ކޮށްލެވެނީ މީހުން ފިޓްކޮށް ބެހެއްޓުމަށް ގިނަ ޕްރޮގްރާމްތަކެއް ރާވާ ހިންގުމުގައި ގާބިލް ޓްރޭނާއެއްގެ ގޮތުގަ އެވެ. ކަމެއް ކުރަން ކަނޑައަޅައިފި ނަމަ، އެކަމެއް ހާސިލް ކުރާނެކަން އޭނާ އެ ވަނީ ދައްކައިދީފަ އެވެ. މާލޭގައި އެޕެކްސް ފިޓްނަސް ޖިމް ހުޅުވުމަށްފަހު ދެން އޭނާ ޓާގެޓް ކުރަނީ ހުޅުމާލޭގައި ވެސް ދެވަނަ ޖިމެއް ހުޅުވުމަށެވެ.
އައިހަމް ބުނިގޮތުގައި އޭނާއަށް މިހާ ހިސާބަށް އާދެވުނީ އޭނާގެ މަންމަ އާއި ބައްޕަ، ކޮއްކޮ އަދި އަންހެނުންގެ ބޮޑެތި އެހީއާ އެކު އެވެ. އޭނާގެ ޖިމް ޓީމަކީ އޭނާގެ އާއިލާ މެންބަރުންނެވެ. ވީމާ ހުރިހާ ވަގުތެއްގައި ވެސް އޭނާއަށް ސަޕޯޓްދޭ ބަޔަކީ އޭނާގެ އާއިލާކަން ވަރަށް އުފަލާއެކު ފާހަގަކުރި އެވެ.