ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޑީގައި ރޭ އޮސްޓްރޭލިއާ އަތުން 2-0 އިން މޮޅުވެ މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ ދެވަަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު، މި ގުރޫޕްގައި މިއަދު ޕެރަގުއޭ އަތުން 1-0 އިން ބަލިވެ، ތުރުކީ ވަނީ މުބާރާތުން ކަޓައިފަ އެވެ.
އެމެރިކާގެ ސިއާޓަލްގައި ކުޅުނު މެޗު އެމެރިކާގެ ޓީމުން ފެށި ވަރުގަދަކޮށެވެ. ގިނައިރު ބޯޅަ ގެންގުޅެ، އޮސްޓްރޭލިއާގެ ޑިފެންސަށް އެމެރިކާއިން މެޗު ފެށުނީން ސުރެ ބާރު ބޮޑުކުރަމުންދިޔަ އެވެ.
މެޗުގެ 11 ވަނަ މިނިޓުގައި އެމެރިކާއަށް ލީޑު ލިބުނީ އޮސްޓްރޭލިއާގެ ޑިފެންޑަރު ކެމަރަން ބާގޭސް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ޑިފެންޑަރު އެލެކްސް ފްރީމަން ވަނީ އެމެރިކާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
ގުރޫޕް ޑީގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި ގުރޫޕްގައި ބާކީ އެއް މެޗު އޮއްވައި އެމެރިކާއިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ހަ ޕޮއިންޓާއެކު އެވެ. މި ގުރޫޕްގައި ކުޅޭ ފަހު މެޗުގައި އެމެރިކާ ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.
ވޯލްޑް ކަޕްގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން، އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗްއަށް ރޭގެ މެޗުގައި ނުކުޅެވުނެވެ. އެކަމަކު ރޭގެ މެޗުގައި ޕުލިސިޗް ނެތްތަން ފޫބެއްދުމަށް އެމެރިކާގެ ފޯވަޑްލައިންގައި ތިބި ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ގުރޫޕްގެ ފަހު މެޗުގައި ޕުލިސިޗަށް ކުޅޭވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެކަމަކު ވޯލްޑް ކަޕެއްގައި އެންމެ ކުޅުންތެރިއަކަށް ބަރޯސާނުވެ، އެންމެ މުހިންމުކަމަކަށް ބަލަންވީ ޓީމެއްގެ ގޮތުގައި ވަރުގަދަ ކުޅުމެއް ދެއްކުމަށް ކަމަށެވެ.
ތުރުކީއަށް ދެ މެޗުން 62 ޝޮޓް، އެންމެ ލަނޑެއްވެސް ނުޖެހުނު
މި ގުރޫޕްގެ އެއް ފޭވަރިޓްގެެ ގޮތުގައި މުބާރާތަށް ނިކުތް ތުރުކީ ވަނީ ރޭ ދިހަ މީހުންނާއެކު ކުޅުނު ޕެރަގުއޭ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.
މި މެޗުގެ 64 ވަނަ ސިކުންތުގައި ޕެރަގުއޭ އިން ލީޑު ހޯދީ މަޓިއަސް ގަލްޒާރާ ޖެހި ލަނޑުންނެވެ. މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ އަވަހަށް ޖެހި ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެރަގުއޭގެ މިގުއެލް އަލްމިރޮންއަށް ރަތް ކާޑު ދެއްކުމުން ޕެރަގުއޭ އިން މެޗުގެ ބާކީ އޮތް ބައި ކުޅުނީ ދިހަ ކުޅުންތެރިންނާއެކު އެވެ. އަލްމިރޮންއަށް ރަތްކާޑު ދެއްކީ ތުރުކީޣގެ މާޓް މުލްޑާއަށް ބަހުގެ ހަމަލާއެއް އަމާޒުކުރިއިރު، އަނގަ މަތީގައި އަތްއަޅައިގެން ހުރުމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ފީފާއިން އަލަށް އަމަލުކުރަމުންދާ ގަވައިދުގެ ދަށުން، އިދިކޮޅު ކުޅުންތެރިއަކާ ކުރިމަތިލާއިރު، އަނގަމަތީގައި އަތް އަޅައިގެން ހުރެއްޖެނަމަ، އެ ކުޅުންތެރިއަކަށް ސީދާ ރަތް ކާޑެއް ދެއްކޭނެ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 2-0 އިން ތުރުކީ ބަލިވިއިރު، އެ މެޗުގައިވެސް ގިނައިރު ބޯޅަ ގެންގުޅޭ ގިނަ ހަމާލާތަކެއް އެ ޓީމުން އުފެއްދި އެވެ. އެކަމަކު ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.
ރޭގެ މެޗުގައި ވެސް ފެނުނީ އެ މަންޒަރެވެ. ތުރުކީން ރޭގެ މެޗުގައި ވެސް ޖުމްލަ 32 ހަމަލާ އުފެއްދި އެވެ. އެކަމަކު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުން ތުރުކީ ވަނީ ޖުމްލަ 62 ޝޮޓް ހަދައިފަ އެވެ.
"ފަހު ވަގުތާ ޖެހެންދެން ކުޅުންތެރިން މަސައްކަތް ކުރި. އެކަމަކު ފުޓްބޯޅައަކީ މި ކަހަލަ އެއްޗެއް،" މެޗަށްފަހު ތުރުކީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުންޏެވެ.
"3 އިޑިއަޓްސް" ސީކުއަލްގެ ވާހަކަ ހާމަކޮށްފި
ނިއާގްރާ ފޯލްސްއިން ވޯލްޑް ކަޕް: ތަފާތު ތަޖުރިބާއެއް!