މިހާރަކަށް އައިސް މުޅި ދުނިޔޭގައިވެސް ދަރިމައިވުމުގެ ރޭޓް ނުވަތަ ދަރިން ހޯދާ މިންވަރު ދަށަށް ދިއުމުގެ މައްސަލައަކީ ބޮޑު ކަންބޮޑު ވުމެކެވެ.
މީގެ ކުރިން ގިނަ ބަޔަކު ގަބޫލު ކުރަމުން އައީ މިއީ އިގްތިސާދީ ދަތިތަކާއި، ދިރިއުޅުމުގެ ބާއްޖަވެރިކަން ކުޑަވުމާއި، ނުވަތަ ދަރިފުޅު ބެލެހެއްޓުމުގެ ހަރަދުތައް ބޮޑުވުމުން ދިމާވާ ކަމެއް ކަމަށެވެ.
ނަމަވެސް ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި، މި ބަދަލުތަކުގެ ފަހަތުގައި ހީވެސް ނުކުރާ ކަހަލަ މުހިންމު ސަބަބެއް އެބަ އޮތެވެ. އެއީ މިއަދު އަހަރެމެންގެ އަތް މަތިން ވަކިނުވާ "ސްމާޓްފޯން" އެވެ.
އެމެރިކާގެ ނޭޝަނަލް ބިއުރޯ އޮފް އިކޮނޮމިކް ރިސާޗްއިން ދާދިފަހުން ނެރުނު ދިރާސާއެއްގައިވާ ގޮތުން ސްމާޓް ފޯނުތައް އާއްމުވާން ފެށި ދުވަސްވަރާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލަށް ކުދިން އުފަންވާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މި ދިރާސާ ކުރެއްވި ތަޖުރިބާކާރު ކެއިޓްލިން މިއާޒް ވިދާޅުވާ ގޮތުގައި، 2007 ވަނަ އަހަރު އައިފޯން ތައާރަފްވުމަށްފަހު، އިންޓަނެޓާއި ސޯޝަލް މީޑިއާ އަތް މައްޗަށް އައުމުން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލު ތަކެއް އައެވެ.
މި މައްސަލައަކީ ހަމައެކަނި މުއްސަނދި ނުވަތަ ހުޅަނގުގެ މުޖުތަމައުތަ ކަށް އެކަނި ހާއްސަ ކަމެއް ނޫނެވެ. ވޯލްޑް ބޭންކުގެ ހިސާބުތަކަށް ބަލައިގެން، ޔުނިވަސިޓީ އޮފް ސިންސިނާޓީގެ ސައިންސްވެރިން 128 ގައުމެއްގެ މައުލޫމާތު ދިރާސާ ކުރިއިރު، ތަފާތު ސަގާފަތްތަކާއި، ތަފާތު ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގައި ވެސް ސްމާޓްފޯނު އާއްމުވުމާއެކު ދަރިމައިވާ މިންވަރު ދަށަށް ގޮސްފައިވާކަން ވަނީ ހާމަވެފަ އެވެ. އެހެންކަމުން މިއީ މުޅި ދުނިޔެއަށް އައި "ޓެކްނޮލޮޖީގެ ލޮޅުމެއް"ގެ ގޮތުގައި މާހިރުން ސިފަކުރެ އެވެ.
ސްމާޓްފޯނުގެ ސަބަބުން ދަރިން ހޯދުން މަދުވަނީ ކީއްވެ؟
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ސްމާޓްފޯނުގެ ސަބަބުން ސިއްހީ ގޮތުން ދަރިމައިވުމަށް ސީދާ އަސަރު ކުރަނީކީ ނޫނެވެ. ނަމަވެސް, މީގެ ސަބަބުން އިންސާނުންގެ އިޖުތިމާއީ ގުޅުންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އާދެ އެވެ.
- އިޖުތިމާއީ ގޮތުން އެކަހެރިވުން: މީހުން ބޭރަށް ގޮސް، ރަށްޓެހިންނާ ބައްދަލުކޮށް، އާ ގުޅުންތައް އުފެއްދުމުގެ ބަދަލުގައި ގޭގައި ފޯނާ ކުޅެން ތިބޭ ވަގުތު ވަނީ އިތުރުވެފަ އެވެ. ފޯނުން ލިބޭ މުނިފޫހިފިލުވުމުގެ ސަބަބުން އެކަނިވެރިކަން އިހުސާސްނުވެ، ގުޅުންތައް ބޭއްވުމަށް ހުންނަ ޝައުގުވެރިކަން ކުޑަވެ އެވެ.
- ލޯބީގެ ގުޅުންތަކާއި ކައިވެނި ލަސްވުން: ޒުވާނުން އެކަކު އަނެކަކާ ބައްދަލުވެ، ވާހަކަދައްކާ އުޅުން މަދުވުމުގެ ސަބަބުން، ހަޔާތުގެ ބައިވެރިއަކު ހޯދުމާއި، ކައިވެނި ކުރުން ފަދަ ކަންކަން ދަނީ ފަސްވަމުންނެވެ.
- އިންޓަނެޓްގެ ނުފޫޒު: ފޯނު މެދުވެރިކޮށް ފަސޭހައިން ލިބޭ ބޭކާރު މައުލޫމާތާއި، އެކި ކަހަލަ މުނިފޫހިފިލުވުމުގެ ވަސީލަތްތަކުގެ ސަބަބުން، ދެމަފިރިން އެކުގައި ހޭދަކުރާ ވަގުތު މަދުވެ، ގާތްކަން ކުޑަވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
މި ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ފެންނަނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ކިބައިންނެވެ. އެހެންނަމަވެސް، ޔޫ.ސީ.އެލް.އޭގެ ސިއްހީ މާހިރެއް ކަމަށްވާ ޑރ. އެލިސަން ޖެމިލް ވިދާޅުވާ ގޮތުގައި، ދަރިމައިވުން ދަށަށް ދިއުމަށް ހަމައެކަނި ސްމާޓް ފޯނަށް އިނގިލި ދިއް ކުރެވޭކަށް ނެތެވެ.
މީގެ އިތުރުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، އަންހެނުން ތައުލީމާއި ވަޒީފާއަށް ދޭ ސަމާލުކަން އިތުރުވުމާއި، މުޖުތަމައުގެ އާދަކާދަ ތަކާއި އަންހެނުންނަށް އަންނަ ބަދަލުތަކަކީވެސް އެކަމުގައި ހިއްސާވާ ކަންކަމެވެ.
ކޮންމެއަކަސް، މިއަދު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ އިތުރުން މެދުފަންތީގެ ގައުމުތަކަށްވެސް އާބާދީ ދަށަށް ދިއުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.
މިއީ މުސްތަގުބަލުގައި މަސައްކަތްތެރިން މަދުވެ، ގައުމުތަކުގެ އިގްތިސާދަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ.
ސްމާޓްފޯނަކީ ދިރިއުޅުން ފަސޭހަކޮށްދިން އެއްޗަކަށް ވިޔަސް، އޭގެ ސަބަބުން އިންސާނީ އަސާސީ ގުޅުންތަކަށް ލިބެމުންދާ ހީނަރުކަމާ މެދު ފުންކޮށް ވިސްނާލަން ޖެހެ އެވެ.
މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު
ދިލްޖީތުގެ ނަމުގައި އެމެރިކާގައި ހާއްސަ ބަންދު ދުވަހެއް!