ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެއްވެސް އުޅަނދަކުން "ޓްރާންސިޓް ފީ" ނުވަތަ ހިދުމަތުގެ އެއްވެސް ފީއެއް ނުނަގާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު އާދީއްތަ ދުވަހު އަލް އަރަބިއްޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެއްޖެ އެވެ.
އިސްހާގު ދާރު ވިދާޅުވި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެން ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން، މި މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އެއްވެސް ކަހަލަ ފީއެއް ނުނަގާނެއެވެ.
މީގެ އިތުރުން، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި މިހާރު ތިން ޓެކްނިކަލް ޓީމަކުން މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރެއްވި އެވެ. މި ކޮމިޓީތަކުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަމުންދަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި، ބޭރުގެ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ މައްސަލައާއި، ލުބުނާނުގެ މަޝްރަހާ ގުޅޭގޮތުންނެވެ.
މި މަޝްވަރާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ނައްތާލައި، ދާއިމީ އަދި ފުޅާ ދާއިރާއެއްގައި ހައްލެއް ހޯދުމަށް ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ބައެކެވެ.
ފޮރިން މިނިސްޓަރު އިސްހާގު ދާރު އިތުރަށް ވިދާޅުވީ، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވާހަކަދެއްކުމުގެ މަގުފަހިކޮށްދިނުމުގައި ޕާކިސްތާނުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި މިއީ ވޭތުވެދިޔަ 47 އަހަރުގެ ތެރޭގައި މި ދެ ގައުމު މިގޮތަށް ގުޅުވައިދެވުނު ފުރަތަމަ ފަހަރު ކަމަށާއި، މި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު އިސްލާމްއާބާދުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އީރާނާ އެމެރިކާގެ މަންދޫބުން މިހާރު ގެންދަވަނީ ސްވިޒަލޭންޑްގައި ރަސްމީ މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް މިއަދު ސްވިޒަލޭންޑަށް ވަޑައިގެންފައިވާއިރު، އީރާނުގެ ވަފުދުގައި އިސްކޮށް ތިއްބެވީ އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާއި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އެވެ.
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
އައިޔޫއެމްގެ ދިރާސާ: ކުދިން ސްކޫލަށް ނުދަނީ ލަހުން ނިދާތީ