އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ، ހިޖުރަކުރުމާއި ގުޅޭ ސިޔާސަތުތަކުގައި ވަރަށް ބޮޑަށް ނާކާމިޔާބުވެފައިވާތީ، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު މާދަމާގެ ވަގުތެއްގައި މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ވަނީ ސްޓާމާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ.
ޓްރަމްޕްގެ "ޓްރުތު ސޯޝަލް" ޕްލެޓްފޯމުގައި ލިޔުއްވާފައިވަނީ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމުން ކިއާ ސްޓާމާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.
"އޭނާ ވަނީ ވަރަށް މުހިންމު ދެ ދާއިރާއަކުން، އެއީ ހިޖުރަކުރުމާއި ހަކަތައިގެ (ނޯތު ސީ އޮއިލް ހުޅުވާލުން) ދާއިރާއިން ވަރަށް ބޮޑަށް ނާކާމިޔާބުވެފަ އެވެ. އަހަރެން އޭނާއަށް ހެޔޮ އެދެން" ޓްރަމްޕް ވިދާޅުވިއެވެ.
ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭގައި މި ދެ މައުލޫއުގައި ޓްރަމްޕާއި ސްޓާމާގެ މެދުގައި ތަކުރާރުކޮށް ހިޔާލުތަފާތުވުންތައް އުފެދިފައިވެއެވެ. އަދި ބޯޑަރުގެ ސިޔާސަތުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ޓްރަމްޕް ވަނީ ބޮޑުވަޒީރަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
ނިމިދިޔަ މަހު ޓްރަމްޕް ވިދާޅުވި ގޮތުގައި، ލޯކަލް އިންތިހާބުގައި ލޭބާ ޕާޓީއަށް ކުރިމަތިވި ތާރީހީ ނާކާމިޔާބީއަށްފަހު، ސިޔާސީ ގޮތުން ދެމިހުރުމަކީ ސްޓާމާއަށް އުނދަގޫ ކަމަކަށް ވާނެއެވެ. އަދި މަގާމުގައި ދެމިހުންނަން ބޭނުންވާނަމަ، ހިޖުރަކުރުމުގެ މައްސަލަތައް އިސްލާހުކޮށް، "ނޯތު ސީ" ގައި ތެޔޮ ނެގުމުގެ މަސައްކަތް އަލުން ފެށުމަށް ވެސް ޓްރަމްޕް ވަނީ ބާރުއަޅުއްވާފަ އެވެ.
ބޮޑުވަޒީރު ކިއާ ސްޓާމާ މާދަމާ އިސްތިއުފާ ދެއްވައި، މަގާމުން ވަކިވެވަޑައިގަންނަވާނެ ތާވަލެއް އިއުލާނު ކުރައްވާނެ ކަމަށް ބެލެވޭކަމަށް އިނގިރޭސިވިލާތުގެ ބައެއް ނޫސްތަކުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.
ސްޓާމާގެ ލީޑާޝިޕްގައި 2024 ވަނަ އަހަރު ލޭބާ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، ފުލުފުލުން ކުރިމަތިވި އެކި މައްސަލަތަކާއި، ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ގިނަ ވޯޓުލާ މީހުން ދެކޭގޮތުގައި، އޭނާ ވީ ވައުދުތަކާ އެއްގޮތަށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެވޭނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ.
ޖަރުމަން ދެވަނަ ބުރަށް ގޮސްފި
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
އިސޫއާއި އިތުރު މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި