ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި ރޭ ނިއު ޒިލޭންޑް އަތުން 3-1 އިން މޮޅުވެ، މިސްރުން ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވިއިރު، މި ގުރޫޕްގައި ރޭ ބެލްޖިއަމް އާއި އީރާން ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ކެނެޑާގައި މިއަދު ކުޅުނު މެޗު 15 ވަނަ މިނިޓުގައި ނިއު ޒިލޭންޑްގެ ފިން ސާމަން ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، މިސްރުން ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރީ މުސްތަފާ ޒިކޯ ޖެހި ލަނޑުންނެވެ.
މެޗުގެ 67 ވަނަ މިނިޓުގައި މިސްރުން ލީޑު ހޯދީ އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް ޖެހި ލަނޑުންނެވެ. މިއީ މިސްރަށް ސަލާހް ކާމިޔާބުކޮށްދިން 68 ވަނަ ލަނޑެވެ. މެޗުގެ ފަހުކޮޅު މިސްރުގެ ތިން ވަނަ ލަނޑު ޖެހީ ޓްރެޒެގޭ އެވެ.
މި މެޗުން މޮޅުވެ، މިސްރަށް ވަނީ ދެވަނަ ބުރުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. މިސްރު ވަނީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.
މި ގުރޫޕްގައި ރޭ އީރާނާއި ބެލްޖިއަމް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން ބެލްޖިއަމްއަށް ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ކެޓުމުގެ ބިރު ބޮޑުވެފަ އެެވެ.
މެޗުގެ 67 ވަނަ މިނިޓުގައި ބެލްޖިއަމްގެ ނޭތަން އެންގޯއީ އަށް ރަތްކާޑު ދެއްކުމުން، ބެލްޖިއަމް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެހެންކަމުން، މި މެޗުން ބަލިނުވެ ސަލާމަތްވުމަކީ ވެސް ބެލްޖިއަމްއަށް ލިބުނު ހިތްހަމަޖެހުމަކަށް ވެދާނެ އެވެ.
މި ގުރޫޕްގައި ބެލްޖިއަމް ކުޅޭ ފަހު މެޗުގައި ނިއު ޒިލޭންޑާ ދެކޮޅަށް ނުކުންނައިރު، އީރާން ނުކުންނާނީ މިސްރާ ދެކޮޅަށެވެ.
މުބާރާތުގެ ކުރިން އަދި މުބާރާތުގެ ތެރެއިން ވެސް ގިނަ އުނދޫތަކާ ކުރިމަތިލާން ޖެހުނު އީރާނަށް ވެސް ދެވަނަ ބުރުގެ އުންމީދު އެބައޮތެވެ. ފަހު މެޗުން ޕޮއިންޓެއް ލިބުނަސް، އީރާނަށް ދެވަނަ ބުރުގެ ޖާގައެއް ލިބިދާނެ އެވެ. -- އޭއެފްޕީ
ކައިވެނީގެ ހަފްލާގައި ކެލަމްގެ ގަމީސް ހާއްސަވީ ކީއްވެ؟
އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވި މީހަކު ވަޒީފާއިން ވަކިކޮށްފި