ރާއްޖޭގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމާއި، ދައުލަތުގެ މުހިންމު ޑޭޓާގެ އިތުރުން ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބޮޑެތި ބާރުތަކެއް މޯލްޑިވްސް ޑިޖިޓަލް ސާވިސް އަށް ދިނުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދެ ބިލެއް ހުށަހަޅައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު" ގެ އިބްތިދާއީ ބަހުސް ވަނީ ބާއްވާފަ އެވެ. މި ބިލު ފާސްވުމުން، ހޯމް މިނިސްޓްރީގެ ދަށުން ހިނގާ މޯލްޑިވްސް ޑިޖިޓަލް ސާވިސް ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެ ބާރުގަދަ އެއް މުއައްސަސާއަށެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ލިބޭ ބާރުތައް
މި ބިލުގެ ދަށުން އެ މުއައްސަސާއަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކުރެވޭނެއެވެ. އޭގެ ތެރޭގައި:
- ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމުކޮށް، ދައުލަތުގެ އައިސީޓީއާ ގުޅުންހުރި ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން.
- ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށް ހިދުމަތް ދޭނެ މިންގަނޑުތައް ކަނޑައެޅުމާއި، މައުލޫމާތު ހިއްސާކުރާނެ ނިޒާމުތައް ބެލެހެއްޓުން.
- "ނެޝަނަލް ސިޓިޒަން ޕޯޓަލް" އެއް ގާއިމުކޮށް، ދައުލަތުގެ ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން.
- "ސޮވްރިން ކްލައުޑް އިންފްރާސްޓްރަކްޗާ" ގާއިމުކޮށް، ރައްޔިތުންގެ ޒާތީ މައުލޫމާތާއި ދައުލަތުގެ ކްރިޓިކަލް ޑޭޓާ ރައްކާކޮށް ބެލެހެއްޓުން.
ބިލުގައިވާ ގޮތުން، ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމުގައި ހުންނަ މައުލޫމާތުތައް ބެލޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ދައުލަތުގެ އިދާރާތަކުން ޑޭޓާ ޑުޕްލިކޭޓް ކުރުމަކީ މި ގާނޫނުގެ ދަށުން މަނާކަމެކެވެ.
މުއައްސަސާ ހިންގުމާއި ޖަވާބުދާރީވުން
މި މުއައްސަސާގެ އެންމެ އިސްވެރިއަކަށް ހުންނަވާނީ ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ އެވެ. މި މަގާމަށް މީހަކު އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނާނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. މުއައްސަސާގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ ހޯމް މިނިސްޓަރެވެ. ނަމަވެސް، ކޮމިޝަނަރު އައްޔަނުކުރުމުގައި މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާތީ، މުއައްސަސާ ޖަވާބުދާރީކުރުވުމުގައި މަޖިލީހުގެ ދައުރު ހަނިވެގެންދާނެ ކަމަށް ބިލުން ފާހަގަކުރެވެއެވެ.
މި މަގާމަށް އައްޔަނުކުރެވޭނީ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީއާއެކު 12 އަހަރުގެ ތަޖުރިބާ ނުވަތަ ޕީއެޗްޑީއާއެކު 8 އަހަރުގެ ތަޖުރިބާ ހުރި ދިވެހިންނަށެވެ.
ސިޔާސަތު ކަނޑައެޅުން
ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ ސިޔާސަތުތައް ކަނޑައަޅާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ "ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް" އަކުންނެވެ. މި ކައުންސިލުގައި ރައީސުލްޖުމްހޫރިއްޔާ އާއި، ހޯމް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރުގެ އިތުރުން ދާއިރާގެ އިސްވެރިން ހިމެނިވަޑައިގަންނަވަ އެވެ.
މި ބިލާ ގުޅޭގޮތުން އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް ރައްޔިތުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި، މުއައްސަސާގެ ބާރުތައް ހުރި ގޮތުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ދިލްޖީތުގެ ނަމުގައި އެމެރިކާގައި ހާއްސަ ބަންދު ދުވަހެއް!
ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް