2026ގެ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނު ޓީމުން އެންމެ ބޮޑަށް ވިދަމުން އަންނަ އެއް ތަރިއަކީ ފޯވާޑް ޑެނިޒް އުންޑާވް އެވެ. އައިވަރީ ކޯސްޓް އަތުން 2-1 އިން ޖަރުމަނު މޮޅުވި މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ.
މިއަދު ވޯލްޑް ކަޕްގެ މެޗުތަކުގައި ވިދަމުންދާ އުންޑާވްގެ ފުޓްބޯޅަ ހަޔާތަކީ ވަރަށް ބޮޑު ގުރުބާނީތަކަކާއި ބުރަ މަސައްކަތްތަކަކަށްފަހު ހާސިލްކުރި ހަޔާތެކެވެ.
އުމުރުން 29 އަހަރުގެ އުންޑާވްގެ ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭނާ ޒުވާން ދުވަސްވަރު ވާޑާ ބްރޭމަންގެ އެކަޑަމީގައި އުޅުމަށްފަހު، އެ ކްލަބުން އޭނާ ދޫކޮށްލީ "އިސްކޮޅުން ކުރުވުމުގެ ސަބަބުން" ފުޓްބޯޅައިގައި ކުރިއަށްދާން އުނދަގޫވާނެ ކަމަށް ބުނެ އެވެ.
"އެމީހުން އަހަރެން ކުރު ކަމަށް ބުނެ ކްލަބުން ދޫކޮށްލުމުން އަހަރެންގެ ހިތް މުޅިން ކުދިކުދިވި. އެކަމަކު އަހަރެން އުންމީދު ދޫކޮށެއް ނުލަން." އުންޑާވް ބުންޏެވެ.
އެއަށްފަހު އުމުރުން 17 އަހަރުގައި އޭނާ ޖަރުމަނުގެ ހަތަރުވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ހާވެލްސޭއަށް ބަދަލުވި އެވެ. އެ ދުވަސްވަރު ފުޓްބޯޅައިން ލިބޭ އާމްދަނީން ދިރިއުޅުމުގެ ހަރަދުތައް ހަމަނުޖެއްސޭތީ، އޭނާ ވަނީ ފެކްޓަރީއެއްގައި ފުލްޓައިމް ވަޒީފާއެއް އަދާކޮށްފަ އެވެ. އެ ފެކްޓަރީގައި އޭނާ ކުރި މަސައްކަތަކީ ލޭޒާ މެޝިން އޮޕަރޭޓް ކުރުމެވެ.
އެ ދުވަސްވަރުގެ ދިރިއުޅުން ސިފަ ކުރަމުން އުންޑާވް ބުނީ، އޭނާ ކޮންމެ ދުވަހަކު ފަތިހު 4:00ގައި ހޭލައިގެން ފެކްޓަރީގެ މަސައްކަތަށް ދާ ކަމަށެވެ.
ޝިފްޓް ނިންމުމަށްފަހު ސީދާ ދަނީ ފުޓްބޯޅަ ޕްރެކްޓިހަށެވެ. ގެއަށް ދެވޭއިރު ރޭގަނޑު 8:00 ޖަހާ ކަމަށާއި، ކޮންމެ ދުވަހެއްގެ ތާވަލު އޮންނަނީ އެފަދަ ގޮތަކަށް ކަމަށް އޭނާ ހާމަކުރި އެވެ.
އުންޑާވްގެ ފުޓްބޯޅަ ހަޔާތް ބަދަލުވެގެންދިޔައީ ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް-ގިލޮއިސްއަށް ބަދަލުވެ، އެ ކްލަބުގައި ދެއްކި މޮޅު ކުޅުމާ އެކުގަ އެވެ.
އެއަށްފަހު އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅުމަށްފަހު، ޖަރުމަނުގެ ވީއެފްބީ ސްޓުޓްގާޓްއަށް ބަދަލުވެ، ނިމިދިޔަ ސީޒަނުގައި 19 ގޯލު ޖަހައި ހެރީ ކޭންގެ ފަހަތުން ލީގުގެ ދެވަނަ ގޯލްސްކޯރާގެ މަގާމު ހޯދާފަ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން އޭނާ ބޭނުންކުރަނީ "ސުޕަ-ސަބް" ނުވަތަ ބެންޗުން ކުޅެން އަރުވާ މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ފުރަތަމަ ދެ މެޗުގައިވެސް ބެންޗުން ކުޅެން އަރައި އޭނާ ވަނީ 3 ގޯލު ޖަހައި 2 އެސިސްޓް ހަދާފަ އެވެ. މި ތަފާސްހިސާބުތަކާއެކު އޭނާ ވަނީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމަރޫންގެ ރޮޖާ މިލާ ބެންޗުން އަރައި ދެއްކި ފަދަ އާދަޔާ ހިލާފު ކުޅުމެއް ތަކުރާރު ކޮށްފަ އެވެ.
އުންޑާވްގެ މި ކާމިޔާބީއަކީ މާޔޫސްވުމެއް ނެތި، ބުރަ މަސައްކަތާއި ހިތްވަރުން ކޮންމެ ފަދަ އުސްމިނަކަށްވެސް ވާސިލު ވެވިދާނެ ކަމުގެ މިސާލެކެވެ.
މުއިއްޒުގެ ބަދަލުގައި ޕީއެންސީން އެހެން ކެންޑިޑޭޓެއް ނެރެނީ
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވައިފި