ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށް އަގު ހެޔޮކުރުމަށް ސަރުކާރުން އިސްލާހު ހުށަހެޅި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކޮށް، އަގު ހެޔޮކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ސުވާލުކުރައްވައިފަ އެވެ. ހާއްސަކޮށް، ޑަބްލިއުއެޗްއޯގެ ލަފަޔާއެކު މިފަދަ ނިންމުމެއް ނިންމި ސަބަބުތައް ސާފުކޮށްދިނުމަށް މެންބަރު އެދިވަޑައިގެންނެވި އެވެ. ނަމަވެސް މިނިސްޓަރު ގީލާ ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވަޑައިގަތީ އެ ސުވާލަށް ޖަވާބު ދެއްވުމަށް ތައްޔާރުވެގެން ނޫން ކަމަށެވެ. އެ ސުވާލުގެ ޖަވާބު ނޭނގޭތީ މިއަދު ޖަވާބު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ސުވާލުގެ ޖަވާބު ހޯއްދެވުމަށްފަހު ފަހުން ލިޔުމުން ފޮނުއްވައިދެއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަކުރުމަށް ހުށަހަޅައިފަ އެވެ. އަދި ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ ވެސް ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. މި ބަދަލުތަކުގެ ސަބަބުން ސިނގިރޭޓުން ނަގާ ޖުމްލަ ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވެގެން ދާނެ އެވެ. މީގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ސިނގިރޭޓާ އެއްވަރަކަށް ކުޑަކުރުމަށް ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މި ބިލު ފާސްވެ، ތަންފީޒު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އިސްލާހުކޮށް، ސިނގިރޭޓުގެ އަގު ހެޔޮވެގެން ދާނެ ކަމަށް ބެލެވެ އެވެ.