އަނގައިގެ ކެންސަރަކީ ހަމައެކަނި ސިނގިރޭޓް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެކަނި ޖެހޭ ބައްޔެއް ކަމަށް ގަބޫލު ކުރެވިފައި އޮންނަ އޮޅުމަކީ ބަލި ދެނެގަތުން ލަސްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވިދާޅުވެ ކެންސަރުގެ ހާއްސަ ޑޮކްޓަރަކު އިންޒާރު ދީފި އެވެ.

އިންޑިއާގެ މެދާންތާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް މެޑިކަލް އޮންކޮލޮޖިސްޓް ޑރ. އަންކުރް ނަންދަން ވަރްޝްނޭ ވިދާޅުވި ގޮތުގައި، ދުވަހަކުވެސް ސިނގިރޭޓް ނުބޯ އެތައް ބަޔަކަށް ވެސް މި ބަލި ޖެހެ އެވެ.

މީގެ ސަބަބުތަކުގެ ތެރޭގައި ދުންފަތް ހެފުމާއި، ގުޓްކާ ބޭނުން ކުރުމާއި، މާ ގިނައިން ބަނގުރާ ބުއިމާއި، ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ފަދަ ވައިރަސްތަކާއި، އަނގަޔާއި ދަތްތަކުގެ ސާފުތާހިރުކަން ކުޑަވުން ހިމެނެ އެވެ.

ޑރ. ވަރްޝްނޭ ވަނީ، ބަލި ކުރީކޮޅު ދެނެގަތުމަށްޓަކައި ސަމާލުވާންޖެހޭ މުހިންމު 6 ނިޝާނެއް ހިއްސާ ކުރައްވާފަ އެވެ.

  • ފަސޭހަނުވާ އަނގައިގެ ފާރު: އަނގައިގެ ތެރޭގައި ހެދޭ ފާރުކޮޅެއް ނުވަތަ ފޮޅެއް ދެތިން ހަފްތާ ވާއިރުވެސް ފަސޭހަ ނުވެ، ތަކުރާރުކޮށް ލޭ އައުން
  • އަނގައިގެ ތެރެއިން ފެންނަ ކުލަ ތަފާތު ލައްތައް: އަނގައިގެ ތެރެއިން، ދުލުން ނުވަތަ ހިރުގަނޑުން ހުދު ކުލައިގެ ނުވަތަ ރަތް ކުލައިގެ ތަފާތު ލައްތަކެއް ނުވަތަ ބޯ ހަން ކޮޅެއް ފެންނަން ހުރުން.
  • އަނގައާއި ތުންފަތް އައްސިވުން: އެއްވެސް ސަބަބަކާ ނުލައި އަނގައިގެ އެތެރޭގެ އެކި ހިސާބުތަކުން ނުވަތަ ތުންފަތުން ލޭއައިސް އައްސިވާ ގޮތްވުން.
  • ދިރުވަން އުނދަގޫވުން: ކާއެއްޗެހި ދިރުވާއިރު ކަރުތެރޭގައި އެއްޗެއް ތާށިވާހެން ހީވުމާއި، ކަރު ތެރޭގައި ރިއްސުން ދިގު ދެމިގެން ދިއުން.
  • އަޑަށް ބަދަލު އައުން: އެއްވެސް ސަބަބަކާ ނުލައި އަޑު ކުރެހުމާއި ނުވަތަ ވާހަކަދައްކަން އުނދަގޫވުން ފަދަ ބަދަލުތައް ގިނަ ދުވަހަށް ދެމިގެންދިއުން.
  • ދަތްދޮޅި ނުވަތަ ކާތް ހަރަކާތް ކުރަން އުނދަގޫވުން: ކާއެއްޗެހި ހަފާއިރު ނުވަތަ އަނގަ ހުޅުވާއިރު ކާތަށް ނުވަތަ ދަތްދޮޅިއަށް ތަދުވުމާއި ހަރަކާތް ކުރަން އުނދަގޫވުން.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، މި ބަލިން ރައްކާތެރި ވުމަށްޓަކައި ދުންފަތުގެ އެއްވެސް ބާވަތެއް (ސިނގިރޭޓް، ގުޓްކާ، ފޯއް ބާވަތްތައް) ބޭނުން ނުކުރުމާއި، ބަނގުރާ ބުއިން ހުއްޓާލުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އިތުރުން އަނގައިގެ ސާފު ތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ. އަދި އެޗްޕީވީ ވެކްސިން ޖެހުމަކީ ވެސް މީގެ ނުރައްކާ ކުޑަ ކޮށްދޭ ކަމެކެވެ.

"އަހަރެން ސިނގިރޭޓެއް ނުބޮން، އެހެންވީމާ މަށަކަށް މި ބައްޔެއް ނުޖެހޭނެއޭ" ހީކޮށް ފަރުވާކުޑަކޮށްލުމަކީ ބަލި ބޮޑުވާން ދިމާވާ ސަބަބެކެވެ.

އަނގައިގެ ތެރެއިން އެއްވެސް ކަހަލަ އާދަޔާ ޚިލާފު ބަދަލެއް ފެނި، އެކަން ގިނަދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ.