ލޯކަލް ކައުންސިލްތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެމްޑީޕީން އާ އޮފީހެއް އުފައްދައި، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އައްޔަންކޮށްފި އެވެ.

އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި، ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި އަލަށް އުފެއްދި މި އޮފީހަށް ދީފައިވާ ނަމަކީ "އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ) އެވެ. މި އޮފީސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ މަޝްވަރާތަކާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ. މި އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި އަމީރަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިހާރު ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޕާޓީގެ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީހުގެ ނަމުގައި އިތުރު އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފު ވެސް ވަނީ މީގެ ކުރިން އައްޔަންކޮށްފަ އެވެ.